ވިޔަފާރި

ފުރަތަމަ 6 މަސްދުވަހު އުރީދޫއަށް 303.4 މިލިއަން ރުފިޔާ


އުރީދޫން ރާއްޖޭގައި ހިދުމަތް ދޭން ފެށި ފަހުން މިއަދު 12 އަހަރު ފުރިފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަމަސް ދުވަސްތެރޭ އުރީދޫ މޯލްޑިވްސްއަށް 303.4 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އެކާވީސް އިންސައްތަ އިތުރު އަދަދެކެވެ. އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި އުރީދޫގެ ކަސްޓަމަރ ބޭސް ވަނީ އަށެއް އިންސައްތަ އިތުރުވެފައެވެ. ކަސްޓަމަރުންގެ ޖުމްލަ ހަތަރު ސަތޭކަ ހާހަށް އަރާފައިވާއިރު، އުރީދޫގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާއި އަޅާބަލާއިރު، ފަނަރަ އިންސައްތަ އިތުރުވެފައެވެ.

އުރީދޫ މޯލްޑިވްސްއަށް ބާރަ އަހަރު ފުރުން ފާހަގަކޮށް، ކުރިއަށް ގެންދާ ހަރާތްތަކާއި ގުޅޭގޮތުން މައުލޫމާތުދީ، މިއަހަރުގެ ދެވަނަ ކުއާޓަރ ގެ ކާމިޔާބީއާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިވީ ބާރަ އަހަރުގެ ތެރޭގައި އުރީދޫއަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތްކުރަނީ އަދިވެސް ކުރިއަށްދަނީ ފަހުގެ އުފެއްދުންތެރި ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ މުވާސަލާތީ ޓެކްނޮލޮޖީތައް މެދުވެރިކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެން އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް އުރީދޫގެ އަހަރީދުވަސް ފާހަގަ ކުރުމަށް މި އޮގަސްޓްމަހުތެރޭ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެކުންފުނިން ވަނީ ރާވާފައެވެ. އެގޮތުން އުރީދޫގެ ވަފާތެރި އަދި އައު ކަސްޓަމަރުންނަށް ހާއްސަ އޮފަރ ތަކާއި، މުޖުމަތަމައު އަށް ފައިދާ ހުރި ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެއް ހިމެނެއެވެ.