ޚަބަރު

ރޯދައަށްފަހު، މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި


މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް އަލުން މިއަދު ފަށައިފިއެވެ.

މަޖީދީމަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ރޯދަ މަހަށް އެ މަސައްކަތް ހުއްޓާލުމަށްފަހުއެވެ. ބައިބަޔަށް ބަހަލައިގެން ކުރިޔަށް ގެންދާ މި މަސައްކަތް ހުއްޓާލިއިރު އެންމެ ފަހުން މަސައްކަތް ނިންމާލީ އޮލިމްޕަހާއި ހަމައަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ފަށާފައިވަނީ މަޖީދީމަގުގެ ނުވަވަނަ ސެގްމަންޓްގެ މަސައްކަތެވެ. މި ބައިގައި މާރާމާތުކުރާނީ ގަލޮޅު ދަނޑު އިރުމަތިން ފެށިގެން ސޯސަންމަގާ ހަމައަށެވެ. މަޖީދީމަގު މަރާމާތު ކުރުމަށް އެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ގެނައި ބަދަލުތަކުގެ ތެރޭގައި ޝަބްނަމްމަގާއި، ނިރޮޅުމަގާއި، ކަރަންކާ މަގާއި އަބަދަށްފެހި މަގުގެ ބައެއް ސަރަހައްދުތައް ވަނީ ހަތަރު ފުރުޅުލީ އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.

ހައުސިންގ މިނިސްޓްރީއިން މަޢުލޫމާތުދޭ ގޮތުގައި މަޖީދީމަގުގެ މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި ނޮވެމްބަރުމަހު މަގު އެއްކޮށް ބޭނުންކުރުމަށް ހުޅުވާލާނެއެވެ.