ދާދީ ފަހުން މާލޭގައި ހިންގި ދެމާރާމާރީގައި ދެމީހަކު މަރާލި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، މިކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގައި މާރާމާރީ ހިންގައި ތޫނު އެއްޗެހިން ހަމަލާދިނުން ހުއްޓުވާ އަމާން މާހައުލެއް ޤާއިމްކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސުން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފުލުހުން ވިދާޅުވީ، މިހާރު މާލޭގައި ހިންގާ މާރާމާރީތަކަކީ ސިލްސިލާ މާރާމާރީތަކެއްކަމަށާއި، މިއީ ގްރޫޕްތަކުގެ މެދުގައި ހިނގައިގެން އުޅޭ ހަމަނުޖެހުމަކާއި ގުޅިގެން ހިންގައިގެން އުޅޭ މާރާމާރީއެއްކަމަށެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޒީން ވިދާޅުވީ، މާރާމާރީތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ހޯދައި އެމީސްމީހުން ދިރިއުޅޭތަންތަނާއި ގޮސް އުޅޭތަންތަން ބަލާ ފާސްކުރަމުން އަންނަކަމަށެވެ.
ފަޒީން ވިދާޅުވީ، އަމާން މުޖުތަމައެއް ޤާއިމްކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކުގެ ދަށުން ފުލުހުން އަބަދުވެސް ތަފާތު އޮޕަރޭޝަންތައް އެކި ސިފަ ސިފައިގައި ކުރިއަށްގެންދާކަމަށެވެ. އެއިދާރާއިން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތުގެ އަލީގައި ގިނަ އަދަދެއްގެ މާރާމާރީ ހުއްޓުވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީގެ ޕޮލިސް ހެޑް، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ފަހަކަށް އައިސް ހިންގާފައިވާ ތަފާތު މާރާމާރީތަކުގައި އެކި ތަންތަނުން މީހުން ބަލައި ފާސްކޮށް، އެމީހުންގެ އަތުން މާރާމާރީ ހިންގާ ޒާތުގެ ތަކެތި އަތުލައިގަންމުންދާކަމަށާއި، ދާދިފަހުން ހިންގި އެކިއެކި މާރާމާރީގައި ޝާމިލުވި 23 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ.
މާލޭގައި މިހާރު ހިންގާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން އަޅަމުންދާ ފިޔަވަޅުތަކުގެ އަސަރުފެންނާނެކަމަށް މޯލްޑިވްސް ޕޮލިސްސަރވިސުން ބުނެއެވެ.
މިހާރު ހިންގަމުންދާ މާރާމާރީތަކާއި ގުޅޭގޮތުން ފުލުހުން ބުނީ މާލޭތެރެ ވަރަށް ފަހަކާޖެހެންދެން އޮތީ ވަރަށް އަމާން އޮމާންކޮށްކަމަށާއި، މިހާރު ހިންގަން ފަށާފައިވާ މާރާމާރީތައް ހުއްޓުވާ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަންން ނިމުމަކަށް ގެނެސް ތޫނު އެއްޗެހިން ހަމާދީ މީހުންގެ ފުރާނައަށް ގެންލުންވާގޮތަށް ހިންގާ އަމަލުތައް ހުއްޓުވާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި މިފަދަ މާރާމާރީފަދަ ކަންކަން ހިންގަން އުޅޭފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ލަސްނުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނެސްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސުންވަނީ އިލްތިމާސްކުރެއެވެ.