ޚަބަރު

އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 24.6 މިލިއަން ރުފިޔާ


މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 24.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، 18.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެމްޓީސީސީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެކުންފުނިން 341.6 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 62 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ. 

ދެވަނަ ކުއާޓަރުގައި ވިޔަފާރި ހިންގައިގެން 32.4 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފުފައިދާގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، 28.9 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދަދު އުޅެނީ، 61 ގައެވެ. މީގެ ތެރެއިން 50 މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ކުއާޓަރުގެ ތެރޭގައި 5 މަޝްރޫޢުއެއްގެ މަސައްކަތް ނިންމާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.