ޚަބަރު

އެމްއެމްއޭގެ ތަފާސް ހިސާބާބެހޭ ޤަވާއިދު ގެޒެޓްކޮށްފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެއްކުރާ ތަފާސް ހިސާބާބެހޭ ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ އެމްއެމްއޭގެ ޤާނޫނުގެ ތިރީސް ހަވަނަ މާއްދާގެ ށ އަދި ތިރީސް އަށްވަނަ މާއްދާގެ ދަށުން އެކުލަވާލައި ނެރެފައިވާ ޤަވައިދެކެވެ. މި ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އެމްއެމްއޭއަށް ތަފާސްހިސާބު އެއްކުރާނީ، މައިގަނޑު ގޮތެއްގައި ސަރވޭކޮށްގެންނާއި ތަފާތު އެހެނިހެން ގޮތްގޮތުން މަޢުލޫމާތު ހޯދައިގެނެވެ. ތަފާސް ހިސާބު އެއްކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން އެއްކުރެވޭ އިދާރީ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ނުހިމެނޭ ކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ ދަށުން ބޭންކްތަކުން، އަދި އެމްއެމްއޭގެ ޤާނޫނުގެ ތިރީސް ވަނަ މާއްދާގެ ހ ގެ ދަށުން ބޭންކްތައް ނޫން މާލީ އިދާރާތަކުން އެމްއެމްއޭއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިއުންތަކާއި ރިޕޯޓްތައް ތަފާސްހިސާބުގެ ގޮތުގައި ނުބެލެވޭނޭކަމަށް މި ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވައިދުގައި ވާގޮތުން އެމްއެމްއޭއިން ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން އެއްވެސް ފަރާތެއްގައި އެދިއްޖެނަމަ އެއޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ މުއްދަތެއްގައި އެފަރާތްތަކުން އެ ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން ޖެހެއެވެ. މީގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާތައް ހިމެނެއެވެ.

އެއްވެސް ފަރާތަކުން މި ޤަވައިދާ ޚިލާފްވެއްޖެނަމަ ފުރަތަމަ ފަހަރަށް ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމަކުން އެނގޭނެއެވެ. އަދި ޖޫރިމަނާކުރުމުގައި އެމްއެމްއޭއަށް ފެނިއްޖެ ހިނދެއްގައި ވެފައިވާ ޚިލާފް ރަނގަޅުވަންދެން ހިނގާ ކޮންމެ ދުވަހަކަށް ފަސްހާސް ރުފިޔާއަށްވުރެ އިތުރުނުވާނޭ އަދަދެއް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިދާނޭކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދަކީ އެމްއެމްއޭގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ބޭނުންވާ ތަފާސް ހިސާބު އެއްކުރުމާއި އާންމުކުރުމުގެ އުސޫލްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވައިދެކެވެ.