ޚަބަރު

މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި


ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ހިނގާފައިވާ މާރާމާރީތަކާގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ. 

މިހާރު ހޯމް މިނިސްޓްރީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ވިދާޅުވީ، ވޭތުވެދިޔަ ހަފްތާގެތެރޭގައި ހިނގައިދިޔަ މާރާމާރީތަކަކީ ގްރޫޕްތަކެއްގެ މެދުގައި ހިނގާފައިވާ މާރާމާރީތަކެއްކަމަށެވެ. މިމައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަޅުތައް ސަރުކާރުން ގެންދަނީ އެއްވެސް ލަސްކުރުމެއް ނެތި އަޅަމުންކަމަށާ، މިކަމުގައި އެއްވެސްވަރެއްގެ ދުލެއް ސަރުކާރުން ނުދޭނެކަމަށެވެ. 

މިނިސްޓަރ އަޒްލީން ވިދާޅުވީ މިމައްސަލަތަކާ ގުޅިގެން 20 މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. މާރާމާރީތަކާ ގުޅިގެން ފުލުހުން ތަހްޤީގްކުރަމުންދާ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްކަމަށާ، މިމައްސަލަތަކާގުޅިގެން ހާމަކުރެވެން ހުރި ހުރިހާ މަޢުލޫމާތުތައް ފުލުހުން ހާމަކުރަމުންދާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

މާރާމާރީތަކާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ހުއްޓާލުމަށާއި، އެއްވެސް ބާވަތެއްގެ ކުށަކަށް އަރައިގަންނަ މީހަކު ނުހުއްޓުވާ ފުލުހުން ނުތިބޭނެކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.