ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ އޮފީސްތައް ގުޅާލުމަށް ސޮފްޓްވެއާއެއް!!


ފެނަކަ ކޯޕަރޭޝަންގެ އިދާރީ އަދި މާލީ ކަންކަން އެއް ނިޒާމަކުން ގުޅާލުމަށް ތައްޔާރުކުރި ސޮފްޓްވެއަރ ތަޢާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ ފެނަކަ ކޯޕަރޭޝަންގެ އޮފީސްތައް ހިންގުމުގެ ނިޒާމް ހަރަދަނާކުރުމުގެ ގޮތުންނާއި، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުމުގެ ގޮތުން ޤާއިމްކުރި ނިޒާމެކެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ ވިހި އަތޮޅުގައި ސަތޭކަ ފަންސާހަށްވުރެ ގިނަ އިންޖީނުގެއާއި، ނަރުދަމާ ނިޒާމް ބެލެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ. ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޯށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފް ކުރި ސޮފްޓްވެއަރ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ފެނަކަ އޮފީސްތަކުގެ މަސައްކަތް ބަލާ މޮނިޓަރ ކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މާލީ އަދި އިދާރީ ކަންކަން އެއް ނިޒާމަކުން ގުޅާލުމަށް ތައްޔާރުކުރި ސޮފްޓްވެއަރ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަކީ ޅަ ކުންފުންޏެއް ނަމަވެސް، ސަރުކާރުގެ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި މި ސޮފްޓްވެއަރގެ ސަބަބުން އެ ކުންފުނީގެ މާލީ އަދި އިދާރީކަންކަން ހަރުދަނާ ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މި ސޮފްޓްވެއަރގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސް ވުމާއި، ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ވަގުތުން ވަގުތަށް ފޮނުވާލެވޭނެކަމަށެވެ. މީގެ އިތުރުން ސޮފްޓްވެއަރގެ ސަބަބުން ޚަރަދު ކުޑަވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ދަނީ ސޮފްޓްވެއަރ އަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ.