ދުނިޔެ

އީޔޫގެ ޤައުމުތަކަށް ހިލޭ ޔޫކޭ ވިސާ ދިނުން ނިމުމަކަށް ގެންނަނީ


އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާ ދެމެދު، ވިސާއާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުފަތުރުކޮށް އުޅުމުގެ ފުރުޞަތު ދެހާސް ނަވާރަ ވަނަ އަހަރުގެ މާޗް މަހަށްފަހު ނޯންނާނެކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ. 

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ތަރުޖަމާނު ވިދާޅުވީ، އިނގިރޭސިވިލާތާއި ވިލާތުގެ ގައުމުތަކާ ދެމެދު ދަތުރުފަތުރުކުރުމުގައި އޮންނަ ފަސޭހަކަން، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުން، ނޯންނާނެކަމަށެވެ. އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގައެވެ. ވިލާތުގެ އިއްތިހާދުން ވަކިވުމުން އެ ޤައުމަށް އަންނާނޭ ބަދަލުތަކަށް، 2019 ވަނަ އަހަރުގެ މާޗްމަހުގެ ކުރިން އިނގިރޭސި ރައްޔިތުން ހޭނެން ޖެހޭނެކަމަށް ތެރީސާ މޭ ގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިނގިރޭސި މާލީ ވަޒީރު ވިދާޅުވީ ބްރެކްސިޓަށްފަހު އިނގިރޭސިވިލާތަށް ޖެހޭނީ ވިސާއަކާ ނުލައި ދަތުރުކުރުމަށް އިނގިރޭސި ރައްޔިތުން ބޭނުންވާ ގައުމުތަކާއެކު ވަކިވަކި އެއްބަސްވުންތަކެއްގައި ސޮއިކުރަން ކަމަށެވެ. އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާ ވަގުތު އެ ފަސޭހަތައް ނޯންނާނެ ކަމަށާއި، ވިސާއާ ނުލައި ދަތުރުކުރުމަށް ވިލާތުގެ އެކި ގައުމުތަކާއެކު ވަކިވަކި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަގުތު ބޭނުންވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.