މުނިފޫހިފިލުވުން

ޑްރާމާ މުބާރާތުގެ އެއްވަނަ އަށް "ކަޅާއި ހުދު"


އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެއްވަނަ އަށް ސްޓެލްކޯގެ "ކަޅާއި ހުދު" ހޮވިއްޖެއެވެ. 

ރަމަޞާންމަހު ޓީވީއެމުން ގެނެސްދިން ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އޮލިމްޕަހުގައި ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފަ.

ނުވަދިހައިގެ ފަހު ކޮޅާއި، ދެހާހުގެ ކުރީކޮޅަކީ އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ ފޯރި އެންމެ ގަދަވި ދުވަސްވަރެވެ. ރާއްޖޭގެ ފިލްމީ ދާއިރާއަށް އައި ހީނަރުކަމުގެ ތެރެއިން، ޒަމާންވީ ޑްރާމާ މުބާރާތް މެދުކެނޑުނު ނަމަވެސް އަނެއްކާ އޮފީސް ޑްރާމާ މުބާރާތުގެ ފޯރި މިވަނީ ގަދަވެފައެވެ. މިއަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުން، އެންމެ ވިދާލީ ސްޓެލްކޯގެ" ކަޅާއި ހުދު" ޑްރާމާއެެވެ. 

އިޖުތިމާޢީ ގިނަ މައްސަލަތައް ދައްކުވައިދީ، ވަރުގަދަ މެސެޖްތަކެއް ފޯރުކޮށްދިން މި ޑްރާމާވަނީ ގިނަ ދާއިރާތަކުން ނޮމިނޭޓްވެ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އެގޮތުން ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑްރާމާގެ އިތުރުން، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް އުފުލާލީ "ކަޅާއި ހުދު"ގެ ޑައިރެކްޓަރ ނޫރުއެވެ. ނަމަވެސް އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސްގެ އެވޯޑް " ކަޅާއި ހުދުގެ " ތަރިންނަށް އުފުލާލެވޭ ވަރެއް ނުވިއެވެ. މިއަހަރުގެ އެންމެ މޮޅު ފިރިހެން ތަރިއަކީ ހައުސިން މިނިސްޓަރީގެ " ބަނދަރު" ޑްރާމާގެ ބަތަލު އަބްދުﷲ ޚަލީލްއެވެ. އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވުނީ ފެނަކައިން ހުށައިދިން " ހައްޤަށް އެދި" ޑްރާމާއިން އާމިނަތު ޖުލީސާއެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރަކީ ހައުސިން މިނިސްޓްރީގެ ބަނދަރު ޑްރާމާގެ ތަރި އިމްރާން މުޙައްމަދުއެވެ.  އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަކީ އެމް.އޭ.ސީ.އެލްގެ ޑްރާމާގެ ތަރި ފާތިމަތު ނާޒްލީއެވެ.

އެންމެ މޮޅު ސްކްރީންޕްލޭ، އަދި އެންމެ މޮޅު ސިނެމެޓޯގްރަފީ، އަދި އެންމެ މޮޅު އެޑިޓިންގއިން އެވޯޑް އުފުލާލީ ސްޓެލްކޯގެ ކަޅާއި ހުދުގެ ޓީމްއެވެ. އެންމެ މޮޅު ލަވައަކަށް ހޮވުނީ އެމް.ޑަބްލިއު.އެސްސީގެ ޑްރާމާގެ ތީމް ލަވަ "ދަތުރެއްގައި"އެވެ.

އެންމެ މޮޅު މިއުޒިކަކަށް ހޮވުނީ، ހައުސިން މިނިސްޓްރީގެ ބަނދަރު ޑްރާމާގެ މިއުޒިކެވެ. މިއުޒިކް ހަދައިދީފައިވަނީ މަޝްހޫރު މިއުޒިޝަން އިބްރާހިމް ނިފާރު، ތިއްތިއެވެ. މިއަހަރުވެސް ވަނީ ބެލުންތެރިންގެ އެސް.އެމް.އެސްއަށް ބެލުމަށްފަހު ބައެއް އެވޯޑްތައް ދީފައެވެ. އެގޮތުން ބެލުންތެރިންނަށް އެންމެ ކަމުދިޔައީ އެމް.އޭ.ސީ.އެލްގެ ޑްރާމާ "ތައުބާވޭ"އެވެ.

ރޭ ބޭއްވި ހަފްލާ ޝަރަފްވެރި މެހުމާން ކުރީގެ މަޝްހޫރު ފިލްމީތަރި ރީކޯ މޫސާ މަނިކު ވަނީ ޑްރާމާ މުބާރަތަކީ ސީދާ ފިލްމީ ދާއިރާގެ ތެރެއަށް ވަނުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފަހަގަކުރައްވާފައެވެ. އަދި ދައިރާގެ ބޭފުޅުން ހިތްވަރު ދެއްވާ، މޫސާ ވިދާޅުވީ ފިލްމީ ދާއިރާއަކީވެސް ޝައުގުވެރިކަމާއެކު މަސައްކަތްކޮށްފި ނަމަ، ގިނަ ކާމިޔާބީ ހާސިލްކުރެވޭނެ ދާއިރާއެއްކަމަށެވެ.

އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ އެން.ސީއޭއާއި ޕީ.އެސް.އެމް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި 7 އޮފީހަކުން ބައިވެރިވެފައިވެއެވެ. ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާގައި މޯލްޑިވިއަން އައިޑަލްއިން ވިދާލި ބައެއް ތަރިން ވަނީ ހިތްގައިމު ލަވަތަކެއް ހުށައަޅައިދީފައެވެ.