ޚަބަރު

ތިމަރަފުށި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށަނީ


ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑުގެ ވަގުތުތަކުގައި ފްލައިޓް ޖައްސަން މިހާރު ތައްޔާރުވެފައިވާކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ޢަލީ ނަޝާތު ވިދާޅުވީ، ތިމަރަފުށީ އެއަރޕޯޓް ރަންވޭއަށް ރޭގަނޑު ޕްލައިޓް ޖެއްސުމަށްޓަކައި އެތަނުގައި ޖަހަންޖެހޭ ބައްތިތައް ޖަހައި މިހާރު ނިމިފައިވާކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި އެ އެއަރޕޯޓަށް ދަތުރުކުރުމުގެ ހުއްދަ އެކުންފުންޏަށް މިހާރު ލިބިފައިވާކަމަށްވެސް ނަޝާތު ވިދާޅުވިއެވެ. އެހެންނަމަވެސް ތިމަރަފުއްޓަށް ރޭގަނޑު ދަތުރުތައް ފަށާނެ ސީދާ ދުވަހަހެއް އަދި ވިދާޅުވާން ނޭންގޭކަމަށާ، އެކުންފުނިން އެއަރޕޯޓްތަކަށް ދަތުރު ކުރަނީ ޑިމާންޑަށް ބެލުމަށްފަހުގައިކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

މިހާރު ތިމަރަފުއްޓަށް ދަތުރުކުރަމުންދަނީ ހަފްތާއަކު ޝެޑިއުލް ފަސް ފްލައިޓްއެވެ. އެއީ ހޯމައާއި ބުދަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ޕްލައިޓެކެވެ. ނަމަވެސް ބްކިންސްއަށް ބެލުމަށްފަހު މިހާރުވެސް ދަތުރުތައް އިތުރުކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ނަޝާތު ވިދާޅުވީ، ފަތުރުވެރިން ގިނައިން ދަތުރުކުރާ މަންޒިންތަކަށް އެކުންފުނީގެ ދަތުރުތަށް އިތުރުވާނެކަމަށެވެ. އަދި ތ.އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި ރިސޯޓަށް އައިލެންޑް އޭވިއޭޝަނުން ސީޕްލޭންގެ ޚިދުމަތް ދެމުންގެންދާތީ ފަތުރުވެރިންގެ މާބޮޑު ޑިމާންޑެއް ތިމަރަފުށީ އެއަރޕޯޓަށް ނޯންނަކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

އެ އެއަރޕޯޓްގައި މިހާރު ކުރަމުންދާ މަސައްކަތްތައް ބަލާއިރު އެއަރޕޯޓްގެ އާ ޓާރމިނަލް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އެއަރޕޯޓްގައި އަލަށް ހެދި ޓަވަރު ވަނީ ބޭނުންކުރަން ފަށާފައެވެ. 1200 މީޓަރގެ ރަންވޭއެއް އެކުލެވޭ، ތިމަރަފުށީ އެއަރޕޯޓް ހިންގަމުން ގެންދަނީ ރީޖިނަލް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުންނެވެ.