ޚަބަރު

ކާރިސީ ހިރާސް، ބެލެހެއްޓުމާބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް!


ކާރިސީ ހިރާސް، ރަށު ފެންވަރުގައި ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމަށް މީހުން ތަމްރީންކުރުމަށް ކަމާ ގުޅުން ހުރި ދާއިރާތަކުގެ ޚިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ. 

މިއީ ހަ ދުވަހުގެ މަސައްކަތުގެ ބައްދަލުވުމެކެެވެ. ރަށު ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުމަށް ޤާބިލް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިހާތަނަށް ސާޅީސް ފަސް ރަށުގައި ހިންގާފައިވެއެވެ. އަދި ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ޕްލޭންތައްވެސް އެކުލަވާލާފައިވެއެވެ. ކާރިސާތަކުން ލިބޭ ގެއްލުންކުޑަކޮށް، ގެއްލުންތަކުން އަރައިގަތުމަށް ފައިސާ ހޯދަނެ ގޮތްތަކާއި، މީހުން ތަމްރީން ކުރުމާ ގުޅޭ ޤާބިލްކަން އިތުރުކުރުމަށް ކަމާ ގުޅޭ ދާއިރާތަކުގެ ޚިޔާލު ހޯދުމުގެ މަޝަވަރާ ބައްދަލުވުން ފަށާފައިވަނީ ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

މިއީ ހަ ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ކުއްލި ހާދިސާތައް ހިނގާފައިވާ ނިސްބަތް އިތުރުވެފައިވާކަމަށެވެ. ޚާއްޞަގޮތެއްގައި އަލިފަނުގެ ހާދިސާތަކާއި، ފެންބޮޑުވުމާއި ކަނޑު މަތީގެ ހާދިސާތައް ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ޒުހައިރު ފާހގަކުރެއްވިއެވެ. އެހެންކަމުން ޤާބިލް މީހުން ތަމްރީން ކުރުމަށް މީހުން އުފެއްދުމަށް މި މަޝްވަރާ ބައްދަލުވުމުގެ މުހިންމުކަން ޒުހައިރު ފާހަގަކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޞަފީނާޒް ޙަސަން ވިދާޅުވީ، ރަށްރަށުގައި ދިމާވާ އެކި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކޮށް ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ  މި ދާއިރައިން ތަމްރީން ލިބިފައިވާ މީހުން މަދުވުންކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމަކީ އެފަދަ މީހުން ރަށްރަށުގައި ތަމްރީން ކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެއްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވަނީ ޑިޒާސްޓަރ މެނޖްމަންޓް ސެންޓަރާއި، އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިތުރުން ރެޑްކްރެސެންޓްގެ ފަރާތުންނެވެ.