ޚަބަރު

އިންވެސްޓަރުންނަށް އެންމެ ފަހި ޤައުމަކީ ރާއްޖެ - ސަޢީދު


ދެކުނު އޭޝިއާގައި އިންވެސްޓަރުންނަށް އެންމެ ފަހި، އިންވެސްޓަރުންގެ އިތުރުބާލު ލިބިފައިވާ ޤައުމަކީ ދިވެހިރާއްޖެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ، ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރާއްޖޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ އެނބޫދޫ ލެގޫން މަޝްރޫޢަށް އިޝާރާތް ކުރައްވައި ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ވަރަށް ބޮޑެތި ބިޔަ އިންވެސްޓަމަންޓްތައް ރާއްޖެ އަންނަތަން ފެންނަމުންދާކަމަށެވެ. އެނބޫދޫ ލެގޫން މަޝްރޫޢަކީ އަށްސަތޭކަ މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މިނިސްޓަރ ސަޢީދު ވިދާޅުވީ، ދުނިޔޭގެ މާލީ ދާއިރާތައް ރާއްޖެއާމެދު ވަރަށް އީޖާބީގޮތެއްގައި ބަލަމުން އަންނަކަމަށެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ އިންވެސްޓަމަންޓްތައް މިހާ ބާރަށް ކުރިއަށްދަނީ ސަރުކާރާ ރައީސް ޔާމީންގެ އިޤްތިޞާދީ ތަސައްވުރާ އިސިޔާސަތުތައް ހަރުދަނާކަމުންކަމަށެވެ. 

ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި އެއްވަރަށް އެއަރޕޯޓް ތަރައްޤީވާންޖެހޭކަން ފާހަގަކުރައްވައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް ރާއްޖެ އަންނައިރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދޭ ކެޕޭސިޓީ އިތުރުކުރަންޖެހޭކަމަށެވެ. އެހެންކަމުން މިފަދަ ބޮޑު މަޝްރޫއުތަކުން އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ފަހިވެގެންދާކަމަށެވެ. 

މި މަޝްރޫޢަށް އަލިއަޅުވާލައްވައި، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވީ، އެނބޫދޫ ލެގޫން މަޝްރޫޢުން ދައްކައިދެނީ ޤައުމުގެ ލީޑަރޝިޕްގެ ހަރުދަނާކަމުގެ މިސާލެއްކަމަށެވެ. މިއީ މޯލްޑިވިއަނަށްވެސް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވައި ހާރިސް ވިދާޅުވީ، މި މަޝްރޫޢުން މޯލްޑިވިއަނަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. ޚައްޞަކޮށް ސީޕްލޭންގެ ދަތުރުތައް އިތުރުވޭނެކަން ފާހަގަކުރެއްވިއެވެ. 

ފަތުރުވެރިކަމުގެ ނުވަ ރަށް ހިމެނޭ އެނބޫދޫ ލެގޫންގެ މުޅި މަޝްރޫޢަށް 800 މިލިއަން ޑޮލަރ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ތިން ރަށް ތަރައްޤީކުރުމަށް 311.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.8 ބިލިއަން ރުފިޔާ ހަރަދުކުރާނެއެވެ. އަދި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ތިން ރަށުގައި ތޭރަ ސަތޭކަ ކޮޓަރި ހިމެނޭއިރު، 5000 އައު ވަޒީފާ އުފެދިގެންދާނެކަމަށް ލަފާކުރެއެވެ.