ޚަބަރު

ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ޝުކުރު އަދާކުރައްވައިފި


މިނިވަންދުވަހުގެ އިޙްތިފާލްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރާގޮތުގައި ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ އިޙްތިފާލްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި އަވަދިނެތި ބުރަކޮށް މަސައްކަތްކުރެއްވި އެންމެހައި ބޭފުޅުންނަށާއި، އަދި މިނިވަންދުވަހާ ގުޅިގެން ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރަށް ރާއްޖޭގެ ފަރާތުން މެހެމާންދާރީ އަދާކުރުމުގައި މަސައްކަތްކުރެއްވި އެންމެހައި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ ބޮޑު ޤައުމީ މަސައްކަތެއް ކާމިޔާބުކުރެވޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މި ވުޒާރާތަކުގެ ވަޒީރުންނާއި މުވައްޒަފުންނާއި، ސަރުކާރާއެކު މަސައްކަތްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި މުވައްޒަފުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާއި އެހެނިހެން އޮފިސަރުންނާއި، ބޭރު ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކުގެ ސަފީރުންނާއި މުވައްޒަފުންނާއި، ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، މި ޙަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރެއްވި ސްކޫލްތަކުގެ ވެރިންނާއި، މުދައްރިސުންނާއި، މި ޙަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާއި، މި އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ދިވެހިރައްޔިތުން ހިމެނޭގޮތުން، މި އިޙްތިފާލުތައް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިޔުމަށްޓަކައި އެކިއެކި ސިފަސިފައިގައި، މަސައްކަތް ކޮށްދެއްވި އެންމެހައި ބޭފުޅުން ކޮށްދެއްވި އިޚްލާޞްތެރި އަދި ބުރަ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ހަމައެއާއެކު، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރަށް ދިވެހި ރާއްޖެއިން މަރުޙަބާ ދެންނެވުމުގެ މަސައްކަތާއި، އަދި ދިވެހި ޤައުމުގެ މިނިވަންދުވަސް ފާހަގަކުރުމުގެ އިޙްތިފާލްތައް މިހާ ކުލަގަދަ ގޮތެއްގައި ކާމިޔާބުކަމާއެކު ފާހަގަކޮށް ނިންމާލެވުނީ، ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ދެއްވި އެއްބާރުލުމާއެކުގައި ކަން ފާހަގަކުރައްވައި، މިފަދަ ކޮންމެ ކަމެއްގައި އަބަދުވެސް އެންމެހައި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ދެއްވަމުންގެންދަވާ އެއްބާރުލުމަށް، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.