ޚަބަރު

ބްރިޖާއެކު ހުޅުމާލެ ތޮއްޖެހިދާނެތީ ސިޔާސަތެއް އެކުލަވާލަނީ


ބްރިޖް ބޭނުންކުރަން ފެށުމުން ހުޅުމާލެއަށް ދިމާވެދާނެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސިޔާސަތު އެކުލަވާލުމާބެހޭ މަޝްވަރާތައް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.  

އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ ހައުސިންގ މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ޓްރެފިކްއާއި ގުޅުންހުރި ސިޔާސަތުތަކެއް އެކުލަވާލުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. ސައިމަން ވިދާޅުވީ ހުޅުމާލެ ތަރައްޤީ ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ ހިތްހަމަޖެހޭ، ސިއްޙީ ގޮތުން ދުޅަހެޔޮ މާހައުލެއް ޤާއިމު ކުރުންކަމަށް ކަމަށާއި އެގޮތުން ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކުގެ ބޮލަކަށްޖެހޭ ހުސްޖާގައިގެ ނިސްބަތް ގަވައިދުން މޮނިޓަރ ކުރަމުން އަންނަކަމަށެވެ.

ތަރައްޤީގެ މައި ހަބްގެ ގޮތުގައި ސިފަކުރެވޭ ހުޅުމާލެއަށް ދިމާވެދާނެ ތޮއްޖެހުމަށް ސަމާލުވެ އެކަން ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށް ސައިމަން ވިދާޅުވިއެވެ. ޕާކިންގއާއި ގުޅޭ ސިޔާސަތު އެކުލަވާލުމުގައި އެކަމަށް ބޭނުންކުރާނެ ސިސްޓަމާއި ގުޅޭގޮތުންނާއި، ޕާކިންގ ޒޯނުތައް އިތުރުކުރުމާއި، ވާރޓިކަލް އަދި ހޮރިޒޯންޓަލް ޕާރކިންގ ތަރައްޤީ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަކަން ސައިމަން ފަހަގަކުރެއްވިއެވެ.

އެޗްޑީސީގެ މެނޭޖިނގ ޑިރެކްޓާރ މުޙައްމަދު ސައިމަން ވިދާޅުވީ ސިޔާސަތު ކަނޑައެޅުމާއެކު އަމަލީ މަސައްކަތް ފަށާނެކަމަށެވެ. ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ޙައްލު ކުރުމަށް އެޗްޑީސީން މިހާރުވެސް ވަނީ ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުގައި އިތުރު ޕާކިންގ ޒޯންތަކެއް ހަދާފައެވެ.