ޚަބަރު

ސުޕްރީމްކޯޓުގެ ބެންޗަށް ބަދަލު ގެންނާކަށް ނޫޅޭ- ޕީޕީއެމް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލުގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުން ދޮގުކޮށްފިއެވެ. 

އުއްތަމަ ފަނޑިޔާރަކަށް، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢައިޝަތު އާޒިމާ ޝަކޫރު ޢައްޔަންކުރުމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށައަޅަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެވާހަކަތައް ދޮގުކުރައްވާ ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އެފަދަ އެއްވެސް ވާހަކައެއް އަދި މަޝްވަރާއެއްވެސް ނުކުރައްވާކަމަށެވެ. އެފަދަ ކަމެއް ކުރަން އުޅުނުނަމަ ޕީޕީއެމް ޕީޖީ ގްރޫޕުން އިސްވެ އެކަން ޢާންމުކުރާނެކަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވެސް ވަނީ އިދިކޮޅު ފަރާތްތަކުގެ އެވާހަކަތައް ދޮގުކުރައްވާފައެވެ. ޚަލީލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވަންކަމަށެވެ.