ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


ވޭތުވެދިޔަ އަށެއްކަ އަހަރުގެ ތެރޭގައި، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ދޫނިދޫގައިކަމަށް ފުލުހުން ބުނެއެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި 2009 އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ 58 މައްސަލައެއްގައި ހިމެނޭ ބަނގުރަލާއި، އެހެނިހެން ތަކެތި ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ހުސްފުޅިއާއި، ހުސްދަޅާއި ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކަރުދާހާއި ފޮށި އަދި އެތަކެތި އުފުލުމަށް ބޭނުންކުރާ ދަބަސް ފަދަ ތަކެތިކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށުގައި ހުންނަ މަސްތުވާތަކެތީގެ ބާވަތްތައް ވަނީ ދޫނިދޫގައި ނައްތާލާފައެވެ.