ޚަބަރު

މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެންމެ ފަހުން ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވަނީ، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މައްސަލައެއް ވައްދާ އެމައްސަލަ ކެންސަލް ވުމުންނެވެ. 

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމާ ސުވާލުކުރެއްވުމެވެ. އެއީ، ތ. ކަނޑޫދޫ ތޮށިލުމުގެ މަސައްކަތް ފެށެނީ ކިހާ ހިސާބެއްގައިތޯ ބެލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފަށާފައި ވަނީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. ދެވަނަ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ، ހަތް ޖަލްސާއެކެވެ.