ޚަބަރު

މަޖިލިސް ޙިޞާރުކުރިކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް!!


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ރައްޔިތުންގެ މަޖިލިސް ޙިޞާރުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ، ޤައުމިއްޔަތާއި ދެކޮޅު، ނާތަހުޒީބު ވާހަކަތަކެއްކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ވިދާޅުވެއްޖެއެވެ. 

ޑިފެންސް މިނިސްޓްރީން މިހެން ވިދާޅުވީ، 24 ޖުލައިގައި ރައްޔިތުންގެ މަޖިލިސް ޙިޞާރުކޮށްފައިވާކަމަށް ބުނެ ފަތުރަމުންދާ ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަތަކާއި ޙަބަރުތަކާ ގުޅޭގޮތުން އެމިނިސްޓްރީން ނެރުއްވި ބަޔާނެއްގައެވެ. 

މިބަޔާނުގައި މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށާއި، އަދި އެރައްކާތެރިކަން ކަށަވަރުކުރުމަކީ ސަލާމަތީ ޚިދުމަތްތަކާއި ހަވާލުކޮށްފައިވާ ޤާނޫނީ ޒިންމާއެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި 23 ޖުލައިން 29 ޖުލައިއަށް މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ނިންމީ، މަޖިލީހުގެ ގެއާއި ޢިމާރާތަށް ނުރައްކާވާފަދަ ކަމެއް މެދުވެރިވެދާނެކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެތަނުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އެދުމުންކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

އެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްވެސް، ކޮމިޓީއެއްވެސް ނޯންނާނެކަމުގެ މައުލޫމާތު މަޖިލީހުން ދީފައިވަނިކޮށް، 24 ޖުލައިގައި މާލޭގައި ސިޔާސީ ޙަރަކާތްތަކެއް ހިންގަން ރާވާފައިވާ ފަރާތްތަކުން އެދުވަހު މަޖިލިސްކުރާ ގޭގައި ޖަލްސާއެއް ބާއްވާނެކަން ޢާއްމުކުރުމާއެކު، އެއީ ޣައިރު ޤާނޫނީ ޙަރަކާތްތަކެއްކަމަށް ފުލުހުން އިޢުލާންކުރައްވާފައިވާކަން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދިމިޤުރާތީ މުއައްސަސާތައް ޙިމާޔަތް ކުރުމަކީ ޤާނޫނުއަސާސީން ސަލާމަތީ ޙިދުމަތްތަކަށް ލާޒިމްކުރާކަމެއްކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

އެހެންކަމުން މަޖިލިސް ހިސޯރުކުރިކަމަށް ބުނެ ފަތުރަމުންދާ ދޮގު ވާހަކަތަކަކީ ޤައުމީ ދިފާއީ ބާރުގެ ޙުރުމަތް ކަނޑާލައި، މުއައްސަސާގެ އަގުވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕެގެންޑާތަކެއްކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މިފަދަ ކަންކަމަކީ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކުރުމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ނުތަނަވަސްކަން އުފައްދައި، އާއްމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ވަރަށްވެސް ނާތަހުޒީބު، ޤައުމިއްޔަތާ ދެކޮޅު އަމަލެއްކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ސިފައިންގެ މައްޗަށް ޤާނޫނުން ލާޒިމްކުރާ ވާޖިބުތައް އަދާކުރުމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާ، ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައިވެއެވެ. އަދި އަޑު އުފުލާއި ހައްޤުތައް ހޯދުމަށް މަސައްކަތްކުރާއިރު އިސްލާމްދީނާއި ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އިޚްތިރާމްކޮށް، ސަގާފަތާއި އާދަކާދައަށް އިޚްތިރާމްކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަަށް އިސްކަން ދެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ބަޔާނުގައިވެއެވެ.