ޚަބަރު

ސަލްޓަން ޕާކް އަންނަމަހު ރަސްމީކޮށް ހުޅުވާނެ- މިނިސްޓަރ


ހިތް ފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްޤީކުރާ ސަލްޓަން ޕާކުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާ އަންނަމަހު ރަސްމީގޮތުން ހުޅުވަން ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި ސަލްޓާން ޕާކް އޮތުމަށްފަހު މި ސަރުކާރުން ސަލްޓަންޕާކް ތަރައްޤީކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވަނީ އެތަނަކީ ކުޑަކުދިންނާއި ޢާއިލާތަކަށް ބޭނުންހިފޭ ހިތް ފަސޭހަ މައިދާނެއްގެ ގޮތުގައި ހެދުމަށެވެ. ސަލްޓަން ޕާކް ތަރައްޤީކުރުމުގެ މަސައްކަތްތައް ހައުސިންގ މިނިސްޓްރީން މިހާރު ޙަވާލުކޮށް، ކުރަމުން ގެންދަނީ ސިފައިންގެ ސިވެކް ކުންފުނިންނެވެ. 

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަލްޓަން ޕާކް ތަރައްޤީކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ އެތަނުގެ ބޭނުން ކުޑަކުދިންނާއި ޢާއިލާތަކަށް ހިފޭގޮތަށް ތަން ތަރައްޤީކުރުމަށް ކަމަށެވެ. އެގޮތުން މުނިފޫހިފިލުވުމުގެ އިތުރުން ރާއްޖޭގެ ތާރީޚާއި އެހެނިހެން ދާއިރާތަކުން މަޢުލޫމާތުލިބޭ ތަނަކަށް ސަލްޓަން ޕާކް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޮގަސްޓްމަހު ސަލްޓަން ޕާކު އާންމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލެވޭނެކަމަށާއި ނަމަވެސް ސަލްޓަން ޕާކުގައި ތަރައްޤީކުރާ ސްނޯތީމް ކޯނާގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނީ ނޮވެމްބަރުމަހުކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެތަނުގައި ހުންނަ ސަތޭކަ އަހަރުވީ އާސާރީ އުސްގެކޮޅުގެ އަޞްލު ނުގެއްލޭ ގޮތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ސްނޯތީމް ކޯނާގެ އިތުރުން ތާރީޚް ދަސްކޮށްދޭފަދަ ތަނަކާއި، މާ ބަގީޗާއަކާއި، ފެން އަރުވާ ވަޑާމަކާއި، ގްރީން ޓަނަލް ވޯކްވޭ އެއް ހިމެނެއެވެ. 

ސަލްޓަން ޕާކު ތަރައްޤީކުރަނީ އެތަނުގައި ހުރި ދުވަސްވީ ގަސްތަކަށްވެސް ގެއްލުން ނުވާގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ތަރައްޤީކުރާ ޕާކެކެވެ.