ތަރައްްޤީ

ދިވެހިންގެ އެއަރޕޯޓް ތަރައްޤީކުރުން- ފާހަގަކޮށްލެވޭ މަޝްރޫއެއް!


ދިވެހިންގެ އަމިއްލަ ތަރިކައެއްގެ ގޮތުގައި ބާއްވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް މި ސަރުކާރުން ފަށްޓަވާފައިވާ ބިޔަ މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމެއްނެތި ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމީ ފާހަގަކޮށްލަންޖެހޭ ކާމިޔާބެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް ކުރިއަށްދާގޮތާބެހޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދު ވިދާޅުވީ، މިއީ ދިވެހިންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށެވެ. އަދި މުސްތަޤްބަލުގައި ދިވެހިރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ ގެނެވެން އޮތީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށްގެންކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ވަނީ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެއް ފަށާފައެވެ. މި މަޝްރޫޢުއަކީ، މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދީ ނާރެހުގައި ކުރިއަށްދާ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢެވެ. މި މަޝްރޫޢުއަކީ އެއަރޕޯޓުގެ ތާރީޚުގައިވެސް މިހާތަނަށް ކުރިއަށްދާ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އަދުގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދާއިރު، އެމްއޭސީއެލްގެ އަމާޒަކީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާ އެއްގޮތަށް ދިވެހިންގެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ.

އެގޮތުން ޒަމާނީ ރަންވޭއަކާއެކު ދުނިޔޭގެ ބޮޑެތި އެއަރކްރާފްޓްތަކަށް ޖެއްސޭފަދަ އެއަރޕޯޓަކަށް އެއަރޕޯޓް ބަދަލުކުރުމެވެ. އެއަރޕޯޓުން ކޮންމެ އަހަރަކު ޚިދުމަތް ހޯދަމުންދާ 1.5 މިލިއަން ފަސިންޖަރުންގެ އަދަދު 7.5 މިލިއަނަށް އިތުރުކޮށް، ދިވެހިންގެ ބޮލަކަށް ޖެހޭ ނިސްބަތް 5000 ޑޮލަރުން 10000 ޑޮލަރަށް އުފުއްލާލުމަށް ދިވެހިންގެ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ އައު ޕަސެންޖަރ ޓަރމިނަލްއާއެކު ޚިދުމަތް ހޯދަން ފަސޭހަ އެއަރޕޯޓަކަށް ދިވެހިންގެ އެއަރޕޯޓް ހެދުމެވެ. އައު ފިއުލްފަރމްގެ ޚިދުމަތާއެކު، ދިވެހިންގެ އެއަރޕޯޓްގައި ފިއުލް ރައްކާކުރެވޭ ނިސްބަތް 3 ގުނަ އިތުރުކޮށް، ފިއުލް ފޯރުކޮށްދިނުމުގެ ޤާބިލްކަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ވިޔަފާރިވެރިންނަށް ފަސޭހަ ތަނަވަސް އައު ކާގޯ ޓަރމިނަލްއެއް ބިނާކުރުމެވެ. އެއަރޕޯޓްގައި ބޯޓް ފަހަރު ޕާކް ކުރުމަށް ޚާއްސަ އައު އޭޕްރަންއެއް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްފެންވަރަށް ތަރައްޤީކުރުމެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިއްމު ބައެއް މަސައްކަތްތައް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު، އައު ރަންވޭ އެޅުމުގެ އަމަލީ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާފައެވެ. ސީޕްލޭން ޓާމިނަލު ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން އެއަރޕޯޓް ތަރައްޤީ މަޝްރޫޢުގެ ހުރިހާ އަމަލީ މަސައްކަތްތައް ފެށިގެންދާނޭކަމަށް އެމްއޭސީއެލުން ބުނެއެވެ.

2018 ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަށެވެ.