ޚަބަރު

ލަންކާގައި ބޭއްވި އެކްސްޕޯއަކުން ދިވެހި ޝެފަކަށް ރަން މެޑަލެއް


ލަންކާގައި މިހާރު ކުރިއަށްދާ ކެއްކުމުގެ ފަންނުވެރިކަމާއި ގުޅޭ މަޢުރަޒު، ކަލިނަރީ އާރޓް އެންޑް ފުޑް އެކްސްޕޯ 2017އިން ދިވެހި ޝެފަކު ރަންމެޑަލް ހޯދައިފިއެވެ. ރަންމެޑަލް ލިބިފައިވަނީ އެމްއެންޑީއެފްގެ ޝެފެއް ކަމަށްވާ ސިއްދީޤް އިބްރާހީމްއަށެވެ. އޭނާއަށް ރަންމެޑަލް ލިބިފައިވަނީ ވެޑިންގ ސްޓްރަކްޗާގެ ބައިންނެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ލަންކާގައި ކުރިއަށްދާ މި މަޢުރަޒުގެ ތަފާތު އެކިއެކި ކެޓަގަރީތަކުގައި ދިވެހި ޝެފުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން މިއަދާއި މާދަމާ ދިވެހި ޝެފުން ބައިވެރިވާ ކެޓަގަރީތަކުގެ ތެރޭގައި ހޮޓް ކުކިންގ ލައިވް، ވެޖިޓޭރިއަން ޑިޝް އަދި ސެލެޑް ޕްލޭޓް ހިމެނެއެވެ.

މި ކަލިނަރީ ޖެލެންޖުގައި ޖުމްލަ 2700 ޝެފުން ތަފާތު ކެޓަގަރީތަކުގައި ވާދަކުރެއެވެ. މިއީ ލަންކާގައި ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވާ މަޢުރަޒެކެވެ. އިއްޔެ ފެށި މި މަޢުރަޒުގައި ދިވެހި ޝެފުން ބައިވެރިވީ ޝެފް ގިލްޑް މޯލްޑިވްސްގެ ފަރާތުންނެވެ. ޝެފް ގިލްޑް މޯލްޑިވްސްއިން ވަނީ ބައިނަލްއަޤުވާމީ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޝެފުންނަށް ހޯދައިދީފައެވެ.