ދުނިޔެ

ފަލަސްތީނުގެ މުޖާހިދުންނަށް ނަޞްރު ދެއްވައިފި: އައުޤާފު މަޖިލިސް


ފަލަސްތީނު ރައްޔިތުން މަސްޖިދުލް އަޤްޞާގެ ޙިމާޔަތުގައި ކުރި ޖިހާދުގެ ސަބަބުން އެ މިސްކިތުގެ ހުރިހާ ދޮރުތަކެއް ހުޅުވައި އެތަނުގެ އެތެރެއާއި ބޭރުގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތައް ނަގަން އިސްރާއީލަށް މަޖުބޫރުވެގެން ދިޔުމަކީ އިސްލާމީ އުއްމަތަށް ލިބުނު ނަޞްރެއްކަމަށް ގުދުސުގެ އިސްލާމީ އައުޤާފާބެހޭ މަޖިލީހުން ބުނެފިއެވެ.

އެ މަޖިލީހުގެ ތަރުޖަމާނު ފިރާސް އައްދަބްސު ވިދާޅުވީ، މަސްޖިދުލް އަޤްޞާގެ ހިމާޔަތުގައި އިސްރާއީލާ ދެކޮޅަށް ނިކުތް ފަލަސްތީނުގެ މުޖާހިދުންނަށް ނަޞްރު ދެއްވައިފިކަމަށާއި މުޖާހިދުން އެދުނުގޮތަށް އަމަލުކުރަން އިސްރާއީލަށް މަޖުބޫރުވެ އިސްރާއީލު ފަހަތަށް ޖެހުނީ މާތް ﷲ ދެއްވި ނަޞްރުގެ ސަބަބުން ކަމަށެވެ. މަސްޖިދުލް އަޤްޞާގެ އެތެރެއާއި ބޭރުގައި އިސްރާއީލުން މެޓަލް ޑިޓެކްޓަރުތައް ބަހައްޓައި، ސަލާމަތީ ފިޔަބަޅުތައް އެޅުމުން ފަލަސްތީނުގެ އެތަށް ހާސްބަޔަކުވަނީ އެކަމާދެކޮޅަށް އަޑުއުފުލައި، ފާއިތުވި ހަތަރު ވަރަކަށް ހަފުތާގައި އިސްރާއީލާ ދެކޮޅަށް ހުއްޓުމެއްނެތި އިޙުތިޖާޖުތަކާއި މުޒާހަރާތައް ކުރިޔަށްގެންގޮސްފައެވެ. މުޒާހަރާތައް ހުއްޓުވުމަށްޓަކައި އިސްރާއީލުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހައި މަސްޖިދުލްއަޤްޞާގެ ވަށައިގެންވާ ސަރަހައްދުގައި ފަލަސްތީނުގެ ހަ މީހުން ޝަހީދުކޮށްލައި އެތަށް ސަތޭކަ ބަޔަކު ޒަޚަމްކޮށްލި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ދިޔައީ މަސްޖިދުލް އަޤްޞާގެ ހިމާޔަތުގައި އަޑުއުފުލަމުންނެވެ

ތިން ހަފުތާއަށްފަހު ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އުވާލާފައިވާކަން ބުރާސްފަތިދުވަހު އިސްރާއީލުން ވަނީ އިޢުލާންކޮށްފައެވެ. މިއާއެކު އެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ދެހަފުތާ ވަންދެން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން، ބުރާސްފަތިދުވަހު، މަސްޖިދުލް އަޤްޞާގައި ފަލަސްތީނުގެ މުސްލިމުން ވަނީ ޖަމާއަތުގައި އަސްރު ނަމާދުކޮށްފައެވެ. އެއަށްފަހުވެސް އިސްރާއީލު ވަނީ މަސްޖިދުލް އަޤްޞާގައިވާ ނުވަ ދޮރުކޮޅުގެ ތެރެއިން ހަ ދޮރުކޮޅު ހުޅުވުމަށްފަހު، އަނެއް ތިން ދޮރުކޮޅު ބަންދުކޮށްފައެވެ. ނަމަވެސް ހުކުރުދުވަހު ފަލަސްތީނުގެ އެތަށް ހާސް ބަޔަކު އިސްރާއީލުގެ ބާރުތަކާ ވަރުގަދައަށް ކުރިމަތިލުމުގެ ނަތީޖާއަކަށްވީ ހުރިހާ ދޮރުކޮޅުތަކެއް ހުޅުވަން އިސްރާއީލަށް މަޖުބޫރުވުމެވެ.

ހުކުރުދުވަހު އިސްރާއީލުންވަނީ މަސްޖިދުލްއަޤްޞާގެ ހުރިހާ ދޮރުކޮޅުތަކެއް އަލުން ހުޅުވައި ފަލަސްތީނުގެ ފަންސާސް އަހަރުން ދަށުގެ މީހުންނަށްވެސް މަސްޖިދުލްއަޤްޞާއަށް ވަނުން މަނާކޮށްފައި އޮތް އޮތުންވެސް އުވާލައި، ފަލަސްތީނުގެ ހުރިހާ އުމުފުރާއެއްގެ މީހުންނަށްވެސް އެއްވެސް ހުރަސްތަކަކާ ނުލައި މަސްޖިދުލްއަޤްޞާއަށް ވަދެ، އަޅުކަންކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.

މިއީ މަސްޖިދުލްއަޤްޞާގެ ޙިމާޔަތުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ އާންމުން ކުރި ޖިހާދުގެ ސަބަބުން ޙާސިލްކުރެވުނު ނަސްރެއް ކަމަށް ސިފަކޮށް، ޤުދުސުގެ އައުޤާފާބެހޭ މަޖިލީހުންވަނީ އެކަން ފާހަގަކޮށް އިސްލާމީ ދުނިޔެއަށް މަރުޙަބާ ކިޔާފައެވެ.