ޚަބަރު

މާލޭގައި ޕެރަމޯޓާ ހަރަކާތެއް ބާއްވަނީ


ރައީސް ޔާމީން ޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި، ދިރިއުޅުމަށް ގެނެސްދެއްވި ފަސޭހަތައް ބަލައިގަތުމުގެ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން އިންތިޒާމުކޮށްގެން މާލޭގައި ޕެރަމޯޓާ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. ޕެރަމޯޓާއަކީ ފަހަތުގައި ބުރަފައްޗެއް ހަރުކޮށްގެން ޕައިލެޓަކާއިއެކު އުދުހުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޓުރެކް ދަނޑު ހިމެނޭ ސަރަހައްދުގައިކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމުން ބައިވެރިވެވޭނެއެވެ. ހިލޭ ބައިވެރިވެވޭ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތަކަށްވެސް އެބައޮތްކަމަށް ރައީސް ޔާމީނުގެ ކެންޕެއިން ޓީމުން ބުނެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް މާލެ މަތިން ދިހަ މިނެޓު އުދުހިލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިންތިޒާމް ކުރާފަރާތުން ބުނެއެވެ. މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ޔާމީންގެ ކެންޕެއިން ޓީމުން ބުނެއެވެ.