ދުނިޔެ

ކުރުދީ ބާރުތަކުން ރައްޤާގެ ދެބައިކުޅަ އެއްބައި ހިފައިފި


ސޫރިޔާގައި އައިއެސް ޖަމާއަތުގެ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ރައްޤާގެ ދެބައިކުޅަ އެއްބައި ސޫރިޔާގެ ކުރުދީ ބާރުތަކުން ހިފައިފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމިއްޔާއެއް ކަމަށްވާ ސީރިޔަން އޮބަޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސުން ބުނީ، ރައްޤާގެ ދެބައިކުޅަ އެއްބައި، އައިއެސްގެ ބާރުގެ ދަށުން މިނިވަންކުރެވިފައިވާކަމަށާއި، ކުރުދީ ބާރުތަކުގެ ކުރިމަތީގައި އައިއެސްގެ ހަނގުރާމަވެރިން ބަލިވެ ފަހަތަށް ޖެހެމުންދާކަމަށެވެ.

މި އޮޕަރޭޝަންގައި ކުރުދީ ބާރުތަކަށް އެހީތެރިވެދެނީ އެމެރިކާއިންނެވެ. އެމެރިކާއިންވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ، ޝުހަދާއުލް ޤަރްޔަތައިނަށް ދޭ އެހީތައް ކަނޑާލިކަން އިޢުލާންކޮށްފައެވެ. ޝުހަދާއުލް ޤަރްޔަތައިން ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަސްކަރީ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދެމުން ދިޔައީ އެމެރިކާއިންނެވެ.