ޚަބަރު

ރާއްޖޭގެ މިނިވަން ދުވަސް މެލޭޝިޔާގައި ކުލަގަދަކޮށް ފާހަގަކޮށްފި


ދިވެހިރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ޖޭ.ޑަބްލިޔު. މެރިއޮޓް ހޮޓެލްގެ ބޯލްރޫމްގައި ބޭއްވި މިހަފްލާ ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ މިނިސްޓަރ އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ނާއިބް ދާތުކް ވީރާ ޑރ. އަބޫ ބަކްރ މުޙައްމަދު ދިއާއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރުން މެލޭޝިޔާގައި ފާހަގަކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި އެންމެ ފުރަތަމަ އޮތީ، ހަފްލާގެ ޝަރަފްވެރި މެހެމާނާއި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފަހުމީ ހަސަން ޚާއްސަ ދުއާއެއް ކުރެއްވުމެވެ.

ވޭތުވެދިޔަ ދެ އަހަރު މިހަފްލާ ބާއްވާފައިވަނީ މެލޭޝިޔާގައި ދިރިއުޅުއްވާ ދިވެހިންނަށް އެކަނިކަމުގައި ވީނަމަވެސް މިއަހަރުގެ ހަފްލާ ބާއްވާފައިވަނީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ޑިލްޕޮމެޓިކް ކޮމިއުނިޓީ އާއި މެލޭޝިޔާގެ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިސްބޭފުޅުންނާއި އަދި ވިޔަފާރި ވެރިންނަށްވެސް ދަޢުވަތު ދީގެން، އެހެން އަހަރުތަކަށްވުރެ ކުލަގަދަކޮށެވެ. މިގޮތުން މިފަހަރުގެ ހަފްލާ ބާއްވާފައިވަނީ "ޕްރޮމޯޓިންގ ޓޭސްޓްސް އެންޑް ކަލަރސް އޮފް މޯލްޑިވްސް" މި ޝިޔާރުގެ ދަށުންނެވެ. އަދި ހަފްލާ އިތުރަށް މުއްސަނދި ކުރުމަށްޓަކައި ހަފްލާއަށް ވަޑައިގެންނެވި ބޭރުގެ ބޭފުޅުންނަށް ދައްކާލުމަށްޓަކައި އެންޒީގެ ހެޔޮއެދުންތަކާއެކު ބޯލްރޫމް ތެރޭގައި ތާޒާ ކަނޑުމަސް ފިހެވޭގޮތަށް ދިވެހި ކެއުން ހިމެނޭ ކޯނަރއެއް ހުރުން ވެގެން ދިޔައީ ވަޑައިގެންނެވި ބޭފުޅުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަކަށެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ އެހީތެރިކަމާއެކު ރާއްޖޭގެ ދެ ރިޒޯޓެއް ކަމުގައިވާ ފުރަވެރި އައިލަންޑް ރިސޯޓް އެންޑް ސްޕާ އާއި ވެލިގަނޑު އައިލަންޑް ރިސޯޓު  އެންޑް ސްޕާގެ ފަރާތުން ލިބިފައިވާ ހޮލިޑޭ ދެ ޕެކޭޖް ހަފްލާއަށް ވަޑައިގެންނެވި ބޭރުގެ ބޭފުޅުންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެ ފަރާތަށް ހަވާލުކޮށްފައިވޭ. އަދި އެއަރ އޭޝިޔާގެ ފަރާތުން ހަދިޔާ ކޮށްފައިވާ މެލޭޝިޔާ މާލެ ދެކޮޅު ތިން ޓިކެޓް ވަޑައިގެންނެވި ދިވެހިންގެ މެދުގައި ގުރުއަތުލުމެއް ބާއްވާ ހޮވުނު ތިން ފަރާތަކަށް ހަވާލުކޮށްފައިވެއެވެ. މިހަފްލާއިން ރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އޮތް ގާތްގުޅުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އަދި ހަމައެއާއެކު ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން މި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ އިޤްތިސާދީ ކުރިއެރުންވެސް ފެނިގެން ގޮސްފައިވެއެވެ.

މި ހަފްލާ އިތުރަށް މުއްސަނދި ކޮށްދިނީ އަޙްމަދު ފަސީހް، އަޚްޘަމް މައުމޫން، މުޙައްމަދު އަނާދު ޙުސެއިން އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފުރިހަމަ ހުށަހެޅުންތަކުންނެވެ. ހަމައެއާއެކު މެލޭޝިޔާގެ މާޒް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ފަރާތުން މިހަފްލާގައި ދިވެހި ސަޤާފީ ދެ ނެށުންވެސް ހުށަހަޅާދީފައިވެއެވެ. ދިވެހި ރަހަތަކާއި ކުލަތައް ވަރަށް ބޮޑަށް ފެނިގެންދިޔަ މިހަފްލާގައި ހަތަރު ސަތޭކައެއްހާ މީހުން ބައިވެރިވެފައިވެއެވެ.