ޚަބަރު

ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއްނުވެގެން ހޯދަނިކޮށް ފެނިއްޖެ


ކ.މާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހަވީރު ގާތްގަނޑަކަށް 15:03 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމީހާ ހޯދުމަށް ކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ މިއަދު ހަވީރު 16:59 ހާއިރު މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ސަރަޙައްދުން ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" އަށްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމީހާގެ ހާލު ރަނގަޅުކަމަށާއި މި ހާދިސާ ހިނގާފައިވަނީ ދަތުކުރަމުންދަނިކޮށް މިސްރާބު އޮޅުމުންކަމަށް އޭނާ، އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމީހާ މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މާލެ ގެނެސްފައެވެ.

އޭނާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗެއްގެ އިތުރުން ހާބަރ ކްރާފްޓެއް ހަރަކާތްތެރިވިއިރު ވައިގެ މަގުން އެމީހާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަޙައްދުން ދަތުރުކުރާ ސީޕްލޭންތަކުގެ އެހީތެރިކަން ހޯދިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.