މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ދަރުބާރުގޭގައި ބާއްވަވައިފިއެވެ. 
 
ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކުރެވުމުގައި ގިނަ ޢަދަދެއްގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
 
މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުން އޮތީ ދަރުބާރުގޭގައެވެ.
 
ފަރިއްކޮޅަކާއެކު ކުރިއަށް ދިޔަ ކުލަގަދަ މި ބައްދަލުކުރެއްވުމުގައި އެކި ފަންނުތަކުން ފާހަގަކޮށްލެވޭ ފަންނާނުންނާއި ޒުވާނުން ބައިވެރިވެފައިވެއެވެ.
 
މިނިވަންދުވަހުގެ މި ބައްދަލުވުމުގައި ދުވަހާއި ގުޅޭ ޚާއްޞަ ލަވައެއް ނެރެފައިވެއެވެ.
 
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ޤައުމާ މުޚާތަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ރާއްޖޭގެ ނަމަކީ އަމާންކަމާ ގުޅިލާމެހިފައިވާ ނަމެއްކަމަށާއި، ނަމަވެސް މިއަދު އެދުވަސް ގެއްލެން ފަށާފައިވާކަމަށް ވިދާލުވެފައިވެއެވެ. އަދި ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވަނީ މިއަދު ދިވެހިންގެ ފަރާތުންކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
 
ކޮންމެ އަހަރެއްގެ މިނިވަން ދުވަހުވެސް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވަވައެވެ. މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުވެސް ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައްވެސް ބާއްވާފައިވެއެވެ.