ޚަބަރު

ދުސްތޫރީ އޮނިގަނޑުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި


ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކޮށްފައިވަނީ ޤައުމުގެ ރައީސަކަށް ހުންނަ މީހާ، އެއްއަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމާ މުޚާޠަބުކުރައްވާ ދެއްވި ޚިޠާބުގައެވެ. 

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ މާހިރުންނާ ޙަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ދުސްތޫރީ ހިންގުން ބައްޓަންވެފައިވާ ގޮތުން، ސަރުކާރުގެ މަސައްކަތަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުޞަތުތަކެއް ދުސްތޫރީ އޮނިގަނޑުގައި ފަހިވާކަމަށެވެ. ހަމައެއާއެކު، 2008 ވަނަ އަހަރު އެކުލަވާލައި ތަސްދީޤުކުރި ޤާނޫނުއަސާސީއަކީ، ދިވެހިރާއްޖެފަދަ މީސްކޮޅު މަދު، އަދި ވަޞީލަތްތައް ނިސްބަތުން މަދު ޤައުމަކަށް އެއްފަހަރާ ތަންފީޛުކުރެވޭ ވަރަށްވުރެ އޮޅުންބޮޅުން ބޮޑު، ބުރަ ޤާނޫނު އަސާސީއެއްކަމަށާއި، މިކަންތައްތަކަކީ، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އެކަނި ނަޒަރު ހިންގާލިނަމަވެސް ހާމަކަންބޮޑު ގޮތެއްގައި ފެންނާން އޮތް ކަންތައްތައްކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2008 ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިތާ 9 އަހަރު ފާއިތުވެގެން ދިޔަ އިރު، ޤައުމީ ފެންވަރުގައި 7 އިންތިޚާބު ބޭއްވިފައިވާކަމަށެވެ. މިއަދު ރާއްޖޭގެ ކޮންމެ 466 ވަނަ ރައްޔިތަކަށް، ޤައުމީ ފެންވަރުގެ އިންތިޚާބަކުން އިންތިޚާބުވެފައިހުރި މުސާރަވެރިއަކު ދައުލަތުގައި އެބަހުއްޓެވެ.

މި ދަނޑިވަޅުގައި ކޮންމެ ބޭފުޅެއްގެ ވެސް ސުވާލަކަށް ވާންޖެހޭނީ، ޤައުމަށް ގެނެވޭ ތަރައްޤީއާއި އަމާންކަން ޤާއިމްކުރުމުގެ ޒިންމާއަކީ ދުސްތޫރުން އެ ބޭފުޅުންނާ މަތިކޮށްފައިވާ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަމާނާތެއް ނޫންތޯ ރައީސްވަނީ ސުވާލުކުރައްވާފައެވެ.