ޚަބަރު

ސިޔާސީ ސުވާލުތަކަށް ޖަވާބުދިނުމަށްވުރެ، ޚިދުމަތްކުރުން މުހިއްމު


ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު ކުރާ އަމިއްލަ އެދުމުން ފޮރުވިފައިވާ ސިޔާސީ ސުވާލުތަކަށް ޖަވާބު ދެއްވުމަށްވުރެ އެމަނިކުފާނަށް މުހިންމީ ރައްޔިތުންނަށް ޚިދުމަތްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ބޭފުޅުންކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށްވުރެ އެމަނިކުފާނަށް މުހިންމީ ރައްޔިތުންނަށް ޚިދުމަތްކުރައްވާ، ޤައުމުގައި އެތައް އަހަރުތަކެއްވަންދެން ޙައްލުނުވެ ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުންކަމަށެވެ.

"މިއަދު އަޅުގަނޑުގެ ހަނގުރާމައަކީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހި ގޮނޑުދޮށްތަކުން ޖާގަހޯދައިދިނުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް ކުރާ ހަނގުރާމަ. ދިވެހި ޒުވާނުން އިސްލާމްދީން ދޫކޮށްދިއުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ ހަނގުރާމަ. ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ހަނގުރާމަ. ޓެރަރިޒަމާއި، ޙައްދުފަހަނައަޅާ ދިޔުމާ ދެކޮޅަށް ކުރާ ހަނގުރާމަ. މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކޮށް، އަންހެނުންނާއި، ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމުތައް ފުރިހަމަކުރުމުގެ ހަނގުރާމަ. ދައުލަތުގެ ދަރަނި އަދާކޮށް، ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިޤްތިޞާދު ނަގާ ކޮޅައްޖެހުމުގެ ނިޒާމުތައް ފުރިހަމަކުރުމުގެ ހަނގުރާމަ. ދައުލަތުގެ ދަރަނި އަދާކޮށް، ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގެ ހަނގުރާމަ. ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ، ވަޒީފާގެ ބާޒާރު ފަހިކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ހަނގުރާމަ." ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ، މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އުފަންވި މައްސަލަތަކެއް ނޫންކަމަށެވެ. އަދި މިއީ އެމަނިކުފާނުގެ ސަރުކާރަށް ވާރުތަވި މައްސަލަތަކެއްވެސް ނޫންކަމަށާއި، މި މަސައްކަތުގައި އެމަނިކުފާނާއި، އެމަނިކުފާނުގެ ސަރުކާރުގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތްކުރާއިރު، މިކަންކަން ކާމިޔާބުކުރުމަށް ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވުމަކީ، ޤައުމުގެ މަޞްލަޙަތެއްވެސް ނޫންކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ މަޞްލަޙަތެއްވެސް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ އެއްވެސް ބީދައަކުން ޤައުމަށްޓަކައި ކުރެވޭ މަސައްކަތެއް ނޫންކަމަށް ވިދާޅުވިއެވެ.

ކެނޑިނޭޅި ކުރިމަތިކުރުވާ މި  ގޮންޖެހުންތަކާއެކުވެސް އެމަނިކުފާނު ދެމިހުންނެވީ މި ޤައުމާމެދު އުއްމީދުތަކެއް ކުރައްވާތީކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު މިޤައުމާމެދު ގެންގުޅުއްވާ އުންމީދު ތަފްޞީލްކޮށްދެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14887806506281.jpg|ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ ފުދުންތެރިކަން އިތުރުކުރުން. މަސްތުވާތަކެއްޗާއި، އަދި ކުށުގެ ވެށީގައި ހައްޔަރުވެފައިވާ ޒުވާނުން އެ ވެށިން އަނބުރާ ގެނެސް، އެކުދިންނަށް މުޖުތަމަޢާއި ވަޒީފާގެ މައިދާނުން ފުރުޞަތު ހޯދައިދިނުން. ކުށްވެރިން ބެލެހެއްޓުމަށާއި، ރިހިބިލިޓޭޝަން ކުރަންޖެހޭ ބޮޑު ޚަރަދު ހޯދުން. ބޯހިޔާވަހިކަމަށާއި، ޞިއްހަތައް އަދި މަސައްކަތްތެރިންގެ މުސާރައަށް ބޭނުންވާ ފައިސާ ހޯދުން. މުޖުތަމަޢުގައި ހަވާސާވެފައި ތިބި، ނުކުޅެދުންތެރިކަން ހުން ކުދިންނާއި، ޢިލްމު އުނގެނުމަށް ދަތި ކުދިންނަކީވެސް މުސްތަޤްބަލެއް އޮތް ކުދިން ކަމުގައި ހަދައިދިނުން. އެކުދިންގެ އުންމީދުތަކުގައި ކުލަ ޖައްސައިދުނުން. ވެލާނާ އިންޓަރެނޭޝަނަލް އެއަރޕޯޓާއި، އައި.ޖީ.އެމް.އެޗް އަކީ، ސަރަޙާއްދުގައި ފަހަތައް ޖައްސާނުލެވޭނެ ތަންތަނަށް ހެދުން. އަޅުގަނޑުމެންގެ ކުޅުންތެރިންނާއި، ދުވުންތެރިންނަކީ ބަލިނުކުރެވޭނެ ބަޔަކަށް ހެދުން. އަޅުގަނޑުމެންގެ ފަންނާނުންނަކީ، ފަންނީ ރޮނގުތަކުން ދުނިޔޭގެ ލީޑަރުންކަމުގައި ހެދުން." ރައީސް ވިދާޅުވިއެވެ. 

މިޤައުމު ކިތަންމެ ކުޑަނަމަވެސް، މީސްކޮޅު މަދުނަމަވެސް، އެކަންކަން ކުރެވިދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"މިކަންކަން ކުރުމަށް އަޅުގަނޑާ ޙަވާލުކުރައްވާފައިވަނީ ތިޔަ ލޮބުވެތި ރައްޔިތުން. މި މަސައްކަތުގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގަތުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަން. ދިވެހި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނީ ތިމަންނާވެސް ބައިވެރިވެގެންނޭ ބުނުމުގެ އުފާ ޙާސިލްކުރެއްވުމަށް އިލްތިމާސްކުރަން. މި ޤައުމުގެ ތުއްތުކުދިންގެ ލޮލުގެ ވިދުވަރުގައިވާ އުންމީދުތައް ހާސިލްކޮށްދިނުމުގެ ޝަރަފު ހޯއްދެވުމުގެ ފުރުޞަތު އޮތީ ހުޅުވިފައި. ފަޚުރުވެރި ދިވެހިންގެ ޤައުމީ ރޫހާއެކު މިކަމުގައި ބައިވެރިވެވަޑައިގަންނަވާ. އެއީ މުޅި ޤައުމަށް ލިބޭނެ ކުރިއެރުމެއް. ދިވެހި ދިދައިގެ ކުލަތަކަށް ލިބޭނެ އުޖާލާކަމެއް." ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ޚިޠާބު ނިންމަވާލައްވާފައިވަނީ، މިޤައުމު މިނިވަންކަންމަތީ އަބަދަށް ލެހެއްޓުވުމަށާއި، ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ދުޢާކުރައްވަމުންނެވެ.