ޚަބަރު

"ބޭރުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގައި ގޮންޖެހުންތަކެއް އެބަހުރި"


ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް މިއަދު ކުރިމަތިކުރުވަނީ ދިވެހިންގެ ފަރާތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. 

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެއްވި ޚިޠާބުގައި ޒަމާނުއްސުރެ ރާއްޖޭގެ ނަމަކީ އަމާންކަމާ ގުޅިލާމެހިފައިވާ ނަމެއްކަން ފާހަގަކުރައްވަމުން، ރާއްޖެއަކީ ރީތިނަމާއި، ނަލަކަމާއި، ހަމަޖެހުމުގެ ސުވަރުގެކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ ހިތްހެޔޮކަމާއި، މަޑުމައިތިރިކަމާއި، އަނެކާއަށް އަޅާލުމާއި، މަރުޙަބާ ކިޔުމުގެ ނަމޫނާ ބައެއްކަމަށާއި، ނަމަވެސް މިއަދު އެދުވަސް ގެއްލެން ފަށާފައިވާކަމަށް ޤަބޫލްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަޖެހުމާއި އަމާންކަމުގެ ޒަމާން އަތުނުޖެހޭ ހަމަޔަށް ދިޔުމުގެ އިންޒާރުގެ ރަނގަބީލު ޖަހަން ފަށައިފިކަންވެސް ޤަބޫލްކުރަންޖެހޭ. ޒަމާނުއްސުރެ ހިނގަން ލިބިފައިވާ ފައިތިލަ ވަޅެއްނެތް، އޮމާން ހުދު ފަސްގަނޑުގެ ރާސްތާ، ޙަސަދައިގެ ކަނިތަކުންނާއި، އަނިޔާވެރިކަމާއެކު ޤަތުލުކުރި، ބިމަށް އޮހެރުވޭ ދިވެހިންގެ ލެއިން ފޯވެފައިވާކަން ޤަބޫލުކުރަންޖެހޭ. ބޭރުގެ އިސްތިޢުމާރީ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން. ގޭގޭގެ ފެންޑާގައްޔާއި، ރަށްރަށުގެ ހޮޅުއަށިތަކުން އިވެނީ ކުދިންގެ ހުނުމާއި މުސްކުޅިންގެ އުފާވެރި ވާހަކަތަކުގެ ބަދަލުގައި ފުރައްސާރައާއި ހަނގާކުރުމާއި، ރުޅިވެރިކަމުގެ ބަސްތައް. ޙަސަދާއި، ފިޔުނައާއި އަދި ހަމަނުޖެހުމުގެ ބެރުތަކަށް ޤައުމީ ފެންވަރުގައި ވަނީ ޖާގަދެވިފައި. ރާއްޖޭގެ އެތައް ރަށެއްގެ ހަމަޖެހުމާއި، ތަރައްޤީއަށް އަދި ރައްޔިތުންގެ މުސްތަޤްބަލަށް ހަމަޖެހުން ގެނެސްދޭނެ ފުރުޞަތުތައް ގެއްލުވައިލާފައިވަނީ ފާޅުގައި. ޖެހިލުންވުމުގެ އެއްވެސް އަސަރެއްނެތި ސިޔާސީ ބޭނުންތަކަށް." ރައީސްގެ ޙިތާބުގައި ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15010603233924.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، މިނިވަން ދުވަހުގެ މުނާސަބަތުގައި ހިތާބް ދެއްވަނީ

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ ނިޒާމް ބައްޓަންވެފައި އޮތީ އަމިއްލަ ފައިދާގެ ހެދުން އަޅައިގެން، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ހަމަނުޖެހުން އުފެއްދޭގޮތަށްކަން ޤަބޫލުކުރަންޖެހޭކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ، މިފަދަ ކަންކަމަށް އިޖާބަދީގެން، ދިވެހި ރައްޔިތުންގެ ޞިއްޙަތަށް ހޭދަކުރާނެ ފައިސާއާއި ކަރަންޓު ބިލު ދެއްކެން ގޮތެއް ނުހޯދޭނެކަމަށެވެ. ދުނިޔެއިން ރަންވަނަތައް ހޯދާ ހުރިހާ ދިވެހި ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމުގެ ފުރުޞަތުތަކެއް ހޯދައިނުދެވޭނެކަމަށާއި، ބަނދަރުތަކާއި ހޮސްޕިޓަލްތަކާއި ގެދޮރުގެ މަސައްކަތަށް ހުރި ފައިސާއާއި ވަގުތު މިކަންކަމަށް ހޭދަކުރަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ދުސްތޫރީ އޮނިގަނޑަކީ، ރިޔާސީ ނިޒާމެއްގެމައްޗަށް އެކުލެވިގެންވާ އަދި އެކުލެވެންޖެހޭ އޮނިގަނޑެއް. އެއީ ތިޔަ ލޮބުވެރި ރައްޔިތުން 2007 ވަނަ އަހަރު ނިންމަވާފައިވާ ނިންމެވުމެއް. ރިޔާސީ ނިޒާމެއްގެ މައިގަނޑު ސިފައަކީ, ރައްޔިތުން ވަކި މެނިފެސްޓޯޢެއްގައި، ވަކި މައްދަތަކަށް ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސްވެރިއަކަށް ވަކި މީހަކު ހޮވުން. ދައުލަތުގެ އަދި ސަރުކާރުގެ އެންމެ މަތީވެރިއަކަށް އެންމެ މީހަކު ހުރުން. ހަމައެއާއެކު، ރިޔާސީ ނިޒާމުގައިވެސް، ދައުލަތުގެ ކަންކަމާ ޙަވާލުވެތިބޭ މީހުން، ޖަވާބުދާރީ ކުރުވުމަށް އުޞޫލުތަކެއް ކަނޑައެޅިފައިހުރޭ. މިކަންކަން ކަނޑައަޅާފައި ހުންނަނީ ދައުލަތާއި، ރައްޔިތުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް. ދައުލަތް އެންމެ ފުރިހަމަ ގޮތުގައި ހިންގުން ކަށަވަރުކުރުމަށް" ރައީސްގެ ޙިތާބުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތަސް ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ހުރެގެން ދައުލަތް އަދި ސަރުކާރު ކުރިއަށް ގެންދިއުމަކީ ރިޔާސީ ނިޒާމުގެ ޚާއްޞަ ސިފައެއްކަމަށެވެ. ދުސްތޫރީ އޮނިގަނޑުތަކުގައި މިކަންކަން ހަމަޖެހިފައި ހުންނަނީ ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް އެކަމުގައި އޮންނާތީކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމުގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، ޤައުމާ ރައްޔިތުންގެ ސަލާމަތުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ކުރިއަށް ދާންޖެހޭތީއާއި، ކޮންމެ ކަމަކަށް ބުރޫއަރާ ކޮންމެ ފަހަރަކީ، ޤައުމަށް އެތައް ގެއްލުންތަކެއް ލިބޭ ފަހަރުތަކެއް ކަމުގައިވާތީ އަގުހުރި އެތައް ފުރުޞަތެއް ގެއްލޭ، ދައްކަންޖެހޭ އަގު ބޮޑުކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.