ޚަބަރު

ކުރިން ނުދެކޭވަރުގެ ތަރައްޤީތައް މިހާރު ދަނީ ފެންނަމުން- ރައީސް


ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައި، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްކުރެވިފައިވާކަން ފާހަގަކުރައްވާ، އެއިން ކޮންމެ ކަމަކީވެސް ކުރަންޖެހި ނުކުރެވި އަހަރުތަކެއް ފާއިތުވެފައިވާ މަސައްކަތްތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ބައެއް މަޝްރޫޢުތަކުގެ ތަފްޞީލަށް ރައީސް ބައްލަވާލެއްވިއެވެ.

img:http://s1.psmnews.mv/images/660x400/15010600898728.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، މިނިވަން ދުވަހުގެ މުނާސަބަތުގައި ޙިތާބު ދެއްވަނީ

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައޤީކޮށް، މިހާރު ޚިދުނަތްނުދެވޭ މިޒަމާނުގެ ފެންވަރުގެ ބޯޓުފަހަރަށް ޖާގަހޯދައިދީ، ދިވެހިންގެ އެއަރޕޯޓަކީ ޤައުމުގެ ފަޚުރެއްކަމުގައި ހެދުމުގެ މަޝްރޫޢާއި، ކަނޑުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސަބަބުން ވިޔަފާރީގެ ދޮރުތައް އިތުރަށް ހުޅުވިގެންދާނެ. އައިޖީއެމްއެޗްގެ 25 ބުރީގެ ޢިމާރާތާއި، މި ރިޔާސީ ދައުރުގައި އިތުރަށް ދޭންފެށުނު ޞިއްޙީ ޚިދުމަތްތަކާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތަރައްޤީއާއެކު، ޢާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި، ބޮޑެތި ބަލިތަކަށް ފަރުވާކުރަން ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެ. ހުޅުމާލޭގެ ތަރައްޤީއާއި އިތުރަށް ބިނާކުރެވޭ ބޯހިޔާވަހިކަމުގެ ސަބަބުން އުފާވެރި ދިރިއުޅުމަކަށް ކޮންމެ ޢާއިލާއަކަށްވެސް ފުރުޞަތު ލިބިގެންދާނެއެވެ. ހުޅުމާލޭގެ ތަރައްޤީއާއި އިތުރަށް ބިނާކުރެވޭ ބޯހިޔާވަހިކަމުގެ ސަބަބުން އުފާވެރި ދިރިއުޅުމަކަށް ކޮންމެ ޢާއިލާއަކަށްވެސް ފުރުޞަތު ލިބިގެންދަނެ. އަންނަ އަހަރުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތްކުރެވެމުންދާ 30 ރިސޯޓާއެކު، އިތުރު 18000 ވަޒީފާގެ ފުރުޞަތު ހުޅުވި، ގިނަ ޢާއިލާތަކަށް ދިރިއުޅުން ތަނަވަސްކުރެވޭ. ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުމަށް ކުރިއަށްދާ މަސައްކަތްތަކާއި، މިދައުރުގައި ހަދައި ނިންމާފައިވާ 33 ބަނދަރާއު، އަދި މަސައްކަތް ކުރިއަށްދާ 39 ރަށުގެ ބަނދަރާއި، 13 ރަށުގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިއިން ކޮންމެ މަޝްރޫޢުއަކުން ވަޒީފާތައް އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖެއްސޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.