ޚަބަރު

މީރާގެ ޓެކްސް ވީކް އަންނަމަހު ބާއްވަން ހަމަޖައްސައިފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ "ޓެކްސް ވީކް" އަންނަ އޯގަސްޓް މަހުގެ 6 ން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެފިއެވެ. 

ޓެކްސް ވީކާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މީރާގެ ޕްރިންސިޕަލް ޓެކްސް އޮފިޝަރ ޢަބްދުލްޣައްފާރު ޢަބްދުﷲ ވިދާޅުވީ "ޓެކްސް ވީކް" ގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މީރާގެ "ޓެކްސް ވީކް" ގައި ބާއްވާ ޚާއްޞަ ޙަފްލާގައި ރަންލާރީގެ ނަމުގައި ޚާއްޞަ އެވޯޑެއް ދޭނެކަމަށް މީރާއިން ހާމަކުރިއެވެ. މި އެވޯޑަކީ އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އެގޮތުން ތަފާތު ދާއިރާތަކުން މި އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޙަފްލާގައި މީރާގެ އެޕް ލޯންޗުކުރުންވެސް އޮންނާނެކަމަށް މީރާގެ ޕްރިންސިޕަލް ޓެކްސް އޮފިޝަރ ޢަބްދުލްޣައްފާރު ޢަބްދުﷲ ވިދާޅުވިއެވެ.

މީރާގެ "ޓެކްސް ވީކް" ގެ މައިގަނޑު ބޭނުމަކީ މީރާގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައި ޓެކްސާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުންކަމަށް މީރާއިން މަޢުލޫމާތުދެއެވެ. "ޓެކްސް ވީކް"ގައި ހިންގާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި އޯޕަން ޑޭގެ ޙަރަކާތްތަކަކާއި، ލޭހަދިޔާކުރުމުގެ ޙަރަކާތަކާއި ކުޑަކުދިންގެ ހަވީރެއް ފާހަގަކުރުން ހިމެނެއެވެ. މިއީ މީރާއިން "ޓެކްސް ވީކް" ފާހަގަކުރާ ފަސްވަނަ އަހަރުއެވެ.