ޚަބަރު

"ބައެއް މެންބަރުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައި"


ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަން ތެރެއަށް ވަތް މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.

މިއަދު މާލޭގައި ކުރިއަށްގެންދިޔަ އެއްވުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،  ޖުލައި 24 ވާ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެކަމަށް މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އިއުލާންކޮށްފައި ވަނިކޮށް މަޖިލީހަށް ދިއުމުގެ ނަމުގައި މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަންތެރެއަށް މިއަދު ވަދެފައިވާކަމަށެވެ.

މިމައްސަލަ ތަޙްޤީޤުކުރަމުން އަންނަކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެފައިވަނީ، މަޖިލިސް މެންބަރުން ނޫން އެހެން ބައެއް ފަރާތްތަކުން މިއަދު މަޖިލިސް އިދާރާއަށް ވަނުމާއި ގުޅިގެންކަމަށާއި، އެފަދަ ބަޔަކު މަޖިލީހަށް ވަނުމުން އެފަރާތްތައް މަޖިލީސް އިދާރާއިން ނެރުމަށް މަޖިލީހުގެ ސަލާމަތީކަންކަން ބެލެހެއްއްޓުމަށް ހަރަކާތްތެރިވާ ސިފައިން ރަސްމީކޮށް ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުމުންކަމަށް ފުލުހުން ރެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންގެ ގޮތުގައި ހަރަކާތްތެރިވާ މެންބަރުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދާ މ. ކުނޫޒުން ނުކުމެގެން މަޖިލިސް އިދާރާއަށް ދިއުމަށް ފެށި ހިސާބުން ފުލުހުން އެމެންބަރުން ހުއްޓުވުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކުރިކަމަށެވެ. އެގޮތުން ކުނޫޒް ކައިރިން އިދިކޮޅު މެންބަރުން މަޖީދީމަގަށް ނުކުންނަން އުޅުމުން ފުލުހުން ބެރިކޭޑްތައް ޖަހާފައިވުމުން އެތަނުގައި މެންބަރުން ތިބުމަށްފަހު، މެންބަރުން ދިއުމުން ފުލުހުން، މެންދުރު 13:30 އެހާއިރު، ފުރުސަތު ދިނުމުން، މަޖީދީމަގުން ގޮސް މެންބަރުން މަޖިލީހަށް މިސްރާބުޖެހީ އަބަދަށްފެހި މަގުންނެވެ. އެމަގުންގޮސް މަޖިލީހުގެ އިދާރާއާ ދިމާލަށް އޮންނަމަގަށް މިސްރާބުޖެހުމުން ފުލުހުން މެންބަރުން ދިޔަ ނުދިނުމަށް ބެރިކޭޑްތަކާއި، ޝީލްޑް ޖެހުމުން އެތަކެތި ފޫއަޅުވާލުމަށްފަހު މަޖިލިސް އިދާރާ ކައިރިން ސިއްކަގޯޅި ކަންމަތިން ފުލުހުން ހިފެހެއްޓުމުންވެސް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު މަޖިލީހުގެ އިދާރާއަށް ވަދެގެން މަންޒަރު ޕީ.އެސް.އެމްގެ ނިއުސްޓީމަށް ވަނީ ފެނިފައެވެ. އަދި ބައެއް މެންބަރުން މަޖިލިސް އިދާރާއަށް ވަދެފައިވަނީ އެއިދާރާގެ ފާރުމަތިން ފުންމާލާއިގެނެވެ. 

މިގޮތަށް މަޖިލިސް އިދާރާއަށް ވަން މެންބަރުންގެ ތެރޭގައި ޕީ.ޕީ.އެމްގެ ސުލޫކީ ކޮމެޓީން ބެލި މައްސަލަތަކަށްފަހު އެޕާޓީން ވަކިކުރުކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ބައެއް މެންބަރުންވެސް ފެނިގެންދިޔައެވެ.