ޚަބަރު

އެކި ހިސާބުތަކަށް އުދައެރުން އެކަށީގެންވޭ- މެޓް އޮފީސް


ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެންމެ ބޮޑަށް އުދައެރުން އެކަށީގެންވަނީ މި ދެދުވަހުގެ މެންދުރު ދިޔަވަރު ބޮޑުވާ ވަގުތުކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން، ކުރިއަށް ދެދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާކަމަށް ލަފާކޮށްފައިވަނީ، މިއީ ހުޅަނގު މޫސުމަށް ވުމާއެކު، އެގޮތަށް އުދައެރުމަކީ، އާއްމުކޮށް ކުރިމަތިވާ ކަމަކަށްވުމުންކަމަށް އެއިދާރާއިން ބުނެއެވެ. އެހެން ނަމަވެސް އުދައެރުމުގެ ހާދިސާ ކުރިމަތިވެދާނެކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައިވާނަމަ ގެއަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ ތަކެތި ބޭނުން ކުރުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ދެދުވަހު އުދައެރާނެކަމަށް ލަފާކުރިނަމަވެސް ރާއްޖޭގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސުން މައުލޫމާތުދެއެވެ.