ޚަބަރު

"އިދިކޮޅު ފަރާތްތަކުން ފެންނަނީ ޤާނޫނުތަކަށް ބޯނުލަނބާ މަންޒަރު"


ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތައް މިއަދު ފެންނަމުން ދަނީ، އަމިއްލަ އެދުން އިސްކުރުމާއި، ޤާނޫނުތަކަށް ބޯނުލަނބާ މަންޒަރުކަން އެންމެންވެސް ދަންނަކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިޒް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާކަމަށްބުނެ ސަރުކާރައް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި ހައުސިންގ މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން ފެނިގެން ނުވާނެފަދަ އެތައް ނޭދެވޭ ކަންތައްތަކެއް އެފަރާތްތަކުގެ ކިބައިން ފެންނަމުންދާކަން އެންމެންވެސް ދަންނަކަމަށެވެ. 

އެގޮތުން  ލާދީނީކަންކަމާއި، މަވެތިކަމާއި، ކޮރަޕްޝަނާއި ފަސާދައާއި ޤާނޫނަށް ބޯނުލަނބާކަން އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސްކޮ އުޅޭ ބޭފުޅުންގެ ކިބައިން ފެންނަމުންދާކަމަށް މިނިސްޓަރުގެ ޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ. 

އިދުކޮޅު ފަރާތްތަކަށް ހައުސިންގ މިނިސްޓަރ މިފަދަ ތުހުމަތުތަކެއް ކުރައްވާފައިމިވަނީ، ރާއްޖޭގައި ވެރިކަން ހިންގުމުގެ ބާރާއި، ޝަރުޢީ ދާއިރާގެ އިތުރުން ޤާނޫނު ހެދުމުގެ ބާރުން ކަންކަން ކުރަނީ ޤާނޫނުތަކާއި ޚިލާފަށްކަމަށްބުނެ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ލީޑަރުންން ތަފާތު ޕްލެޓްފޯމްތަކުގައި ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. 

ހަމައެހެންމެ އިދިކޮޅު ފަރާތްތަކުގެ މާލޭގައި އެއްވުންތައް ބާއްވާނެކަމަށާއި، އެއީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ކަށަވަރުވެފައިއޮތް މިނިވަން ކަމެއް ކަމަށްބުނެ، މިއަދު އެއްވުންތައް ފަށާނެކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އަނެއްކޮޅުން މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތަކަކީ އެޕާޓީތަކުގެ އިސްވެރިންގެ ވިސްނުމާއި އެއްގޮތައް ބާއްވަމުންދާ އެއްވުމެއްކަން އެތައް ފަހަރަކު މީޑިއާގެ އެކި ވަޞީލަތްތައް މެދުވެރިކޮށް ބުނަމުން އަންނަ ކަމަށާއި، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ޤަވާއިދަކާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުޞަތެއް ފުލުހުންގެ މުއައްސަސާއިން ނުދޭނެކަމަށެވެ.