2018 ވަނަ އަހަރުގެ ބަޖެޓަށް ޚިޔާލުހޯދުމާއި، ކައުންސިލްގެ މަސައްކަތް ރާވާ ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން މަރަދޫ ރައްޔިތުންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން އޮތީ އައްޑޫގެ ތާރީޚީ ބިނާއެއް ކަމަށްވާ ބޮނޑޮ ގޭގައެވެ. ރޭގެ ބައްދަލުވުމުގައި، 2017 ވަނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން ޖޫންމަހުގެ ތިރީސްވަނަދުވަހުގެ ނިޔަލަށް ކައުންސިލުން ކޮށްފައިވާ ޚަރަދުތަކުގެ ހިސާބުތަކާއި، ކައުންސިލުން ކޮށްފައިވާ މަސައްކަތްތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ރާވާފައިހުރި ކަންތައްތަކުގެ ތެރޭގައި ކޮންމެ މަހަކު އެއް ފަހަރު އެ ސިޓީގެ ހުރިހާ ރަށެއް ސާފުކުރުމަށް ނިކުންނަވާނެކަމަށް މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވިއެވެ.
ކައުންސިލްތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ޙިއްސާ ކުރުމަށް ކޮންމެ އަހަރަކު ދެފަހަރު، ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުމަށް ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. މިއަހަރުގެ ދެވަނަ ސިލްސިލާ ބައްދަލުވުންތަކުގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުދޫ އާއި މީދޫ ގެ ރައްޔިތުންނާ ބައްދަލުކޮށްފައެވެ.