ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ!


ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް، މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. 

މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެބޭފުޅުން ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެއެވެ.

ދިވެހިރާއްޖެއާ ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަޤާފީގޮތުން މައިގަނޑު އެއްއުސޫލުތަކެއް ޤަބޫލުކުރާ ދެޤައުމެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1966ގައެވެ.