ޚަބަރު

ފުލުހުންނަށް ދޭ ހަމަލާތަކާގުޅޭ ޝަރީއަތްތައް އަވަސްކުރުން މުހިންމު


ދިވެހި ފުލުހުންގެ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ގެއްލުންތައްދޭ ފަރާތްތަކުގެ މައްސަލަތައް އަވަސްގޮތެއްގައި ޝަރީޢަތަށް ފޮނުވައި، އެފަދަ މައްސަލަތައް އަވަސްކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނަރަލައަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ގޮވާލައްވައިފިއެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު، ކަމާގުޅުން ހުރި މުއައްސަސާކަށް ފޮނުވާފައިވާކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަބަދުމެ މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވީހިނދު އެފަދަ ބަޔެއްގެ ފުރާނައަށް ގެއްލުންވާފަދަ ޙަމަލާތައްދޭ މީހުނަށް ހަރުކަށި އަދަބު އަވަސްގޮތެއްގައި ދިނުމަކީ މިއަދުގެ މުޖުތަމައަށާއި، އަންނަން އޮތް ޖީލުތަކުންވެސް އެދޭނެ އެދުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހަކު ނެތިދާ ދިއުމަކީ ޢާއްމު ރައްޔިތުންނަށް އެކަމުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވާކަމުގެ ހެއްކެއްކަމަށާއި، ފުލުހުންނަށް ޙަމަލާދީ ގެއްލުން ދިނުމަށް ރައްޔިތުންގެ ވިސްނުން ތަޣައްޔަރުކުރަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ފުލުހުންނާ ދިމާކުރުމާއި ފުލުހުންނަށް ފުރައްސާރަކުރުމާއި، އެފަރާތްތަކުގެ ޢާއިލާތަކަށް ގެއްލުންދިނުން ފަދަ ނުރައްކާތެރި ރޭވުންތައް ރާވާ ފަރާތްތަކަށް އެންމެ ހަރުކަށި އަބަދު ދޭންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުލުހުން ޚިދުމަތުގައި ހޭދަކުރާ ކޮންމެ ވަގުތަކީވެސް އަގުހުރި ވަގުތުތަކެއްކަމަށާއި، އެކަމުގެ މުހިއްމުކަން އިޙްސާސްކުރެވެނީ، ދިމާވާ ހިތާމަވެރި ޙާދިސާއަކުން ފުލުހެއްގެ ފުރާނައަށް ނުރައްކާވާ ހިސާބުންކަން މިނިސްޓަރ ފާހަގަކުރެވިއެވެ.

ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ޝަހީދުވާ ކޮންމެ ފުލުސް އޮފިސަރެއްގެ ޢާއިލާއަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙަޤުތަކާއި، ވެލްފެއަރގެ ކަންކަން ހަމަޖައްސައިދިނުމުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ސަރުކާރުން އަބަދުވެސް ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ހޯމްމިނިސްޓަރ އަޒްލީން އަޙަމަދު ވަނީ ދެއްވާފައެވެ.