ވިޔަފާރި

މޯލްޑިވިއަނުން އިތުރު 2 ސީ ޕްލޭން ގެންނަނީ


މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތަށް ފުޅާކުރުމަށްޓަކައި އިތުރު ދެ ސީޕްލޭން ގެނައުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. އެގޮތުން އިތުރު ދެ ސީ ޕްލޭން މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން ދެހާސް ސާދަވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކުޑަ ގޮތަކަށް ފެށި، ސީ ޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އެއެއަރލައިންގެ ސީ ޕްލޭން ފްލީޓުގައި 9 ސީ ޕްލޭން އޮތްއިރު، 6 ރިސޯޓަކަށް މޯލްޑިވިއަންގެ ސީ ޕްލޭންތައް ދަތުރުކުރެއެވެ. އަދި މިއަހަރުގެ ފަހުކޮޅު އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ސީޕްލޭގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.

އެގޮތުން އިތުރު ހަތަރަ ރިސޯޓަކަށް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފެށުމުން، ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް އެކުންފުނިން ވަނީ އިތުރު ދެ ސީ ޕްލޭން ރާއްޖެއަށް ގެނައުމަށް ނިންމާފައެވެ. އަލަށް ގެންނަ 2 ސީޕްލޭނާއެކު މޯލްޑިވިއަންގެ ސީ ޕްލޭންތަކުގެ ޢަދަދު 11 އަށް އަރާނެއެވެ.

މޯލްޑިވިއަން ސީ ޕްލޭނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައިވެސް އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުސްވި އަހަރުތެރޭ ވަނީ އެއަރކޮންޑިޝަން ކޮށްފައި ހުންނަ ލަގްޒަރީ ސީ ޕްލޭންގެ ޚިދުމަތްވެސް ދޭން ފަށާފައެވެ. އާދައިގެ ސީ ޕްލޭންތަކުގައި ޢާއްމުގޮތެއްގައި ހުންނަނީ 15 ސީޓެވެ. އެހެންނަމަވެސް ލަގްޒަރީ ސީ ޕްލޭގައި ހުންނާނީ 8 ސީޓެވެ.