ޚަބަރު

ފުލުހުންނާ ދެކޮޅަށް ބަޔަކު ދަނީ ރޭވުންތައް ރާވަމުން- މިނިސްޓަރ


ފުލުހަކު ނެތިދާ ދިއުމަކީ އާއްމުރައްޔިތުންނަށް އެކަމުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެގެންދާނެ ކަމެއް ކަމަށާއި، ފުލުހުންނަށް ހަމަލާދީ ގެއްލުން ދިނުމަށް ރައްޔިތުންގެ ވިސްނުން ތަޣައްޔަރު ކުރަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ފުލުހުންނާއި ދެކޮޅަށް ނުކުމެ ހަމާލާދޭން ހިތްވަރުލިބޭ ގޮތަށް ދިވެހިންގެ ތެރެއިން ބަޔަކުވެސް ނުރައްކާތެރި ރޭވުންތައް ރާވަމުންދާކަމަށެވެ. ފުލުހުންނާއި ދިމާކުރުމާއި ފުލުހުންނަށް ފުރައްސާރަކުރުމާއި، އެފަރާތްތަކުގެ އާއިލާތަކަށް ގެއްލުންދިނުން ފަދަ ނުރައްކާތެރި ރޭވުންތައް ރާވާ ފަރާތްތަކަށް އެންމެ ހަރުކަށި އަބަދު ދޭންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންނަށް ވަރަށް ޚާއްސަ ދުވަހެއްކަމަށެވެ. 

މިރަސްމިއްޔާތުގައި ފުލުހުންގެ ތެރެއިން ރަސްމީ ޑިއުޓީގައި އުޅެނިކޮށް ދިމާވާ ހާދިސާތަކުގައި، ނިޔާވި ފުލުހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.