ޚަބަރު

"ހާބަރު ފުޑްކޯޓްތަކުގެ މަސައްކަތް ނިންމައި މިއަހަރު ޚިދުމަތްދޭނެ"


މާލޭގެ ހުޅަނގު ހާބަރ ސަރަޙައްދުގައި ތަރައްޤީކުރާ ފުޑް ކޯޓްތަކުގެ މަސައްކަތް ނިންމައި މިއަހަރުގެ ތެރޭގައި އެތަނުން ޚިދުމަތް ލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ހައުސިންގ މިނިސްޓަރ ވިދާޅުވީ ފުޑް ކޯޓުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ އަމީނީ މަގު ފިޔަވައްސާއި އިއްޒުއްދީން މަގު ފިޔަވައްސެވެ. އެގޮތުން އަމީނީމަގު ފިޔަވަހި މިއަހަރުގެ އޮގަސްޓްމަހު ނިމޭނެކަމަށާއި ޢިއްޒުއްދީން މަގު ފިޔަވަހި އޮކްޓޯބަރ މަހުގެ ނިޔަލަށް ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. 

މާލޭގެ ހުޅަނގު ހާބަރ ސަރަޙައްދުގައި ތަރައްޤީކުރާ ފުޑް ކޯޓްގެ މަސައްކަތަކީ ހައުސިންގ މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ފުޑްކޯޓްގެ މަސައްކަތް ނިމޭއިރު އެތަނުގައި 26 ސްޓޯލް ހެދުމަށް ވަނީ ނިންމާފައެވެ.