ޚަބަރު

ވެމްކޯގެ ޚިދުމަތަށް އައްޑޫ ސިޓީން ބޮޑު ތަރުޙީބެއް!


ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް އެދި އައްޑޫ ސިޓީން ދެހާހަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ. 

އަދި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީކުރަމުން އަންނަކަމަށް ވެމްކޯއިން ބުނެއެވެ. އައްޑޫގެ ހުޅުދޫ މީދޫން 408 ފަރާތުން ކުނި އުކާލުމުގެ ޚިދުމަތައް ރަޖިސްޓްރީކޮށްފައިވާއިރު، އެ ދެރަށުގައިވެސް ކުނި އުކާލުމުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

ކުނި އުކާލުމުގެ ޚިދުމަތައް ގޭބީސީއަކުން 100 ރުފިޔާ ނަގަމުން އަންނައިރު ކޮމާރޝަލް ތަންތަނުން އަގު ނަގަނީ އުކާލާ ކުނީގެ މިންވަރަށް ބަލައިގެންނެވެ. އަޑޫސިޓިގައި މިމަސައްކަތަށް މިހާރު ބޭނުންކުރަމުން އަންނަނީ 2 ޑަންޕް ޓްރަކާއި، 2 ކޮމްޕެކްޓަރ ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ކުނި އުކާލައި އިތުރު ވެހިކަލަތައް އައްޑުއަށް ފޮނުވާނެކަމަށް ވެމްކޯއިން ބުނެއެވެ. 

ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ފުވައްމުލަކުގައިވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފައެވެ. މިކަމަށް ބޭނުންވާ ވެހިކަލްތައް މިހާރު ފުވައްމުލަކަށް ގެންގޮސް، ކުނިއުކާލުމުގެ ޚިދުމަތައް ރަޖިސްޓްރީކުރުމަށް ވަނީ ހުޅުވާލާފައެވެ. 

ގއ. ވިލިނގިލީގައި ކުރިއަށްދާ "ސާފުރާއްޖެ ސަރަޙައްދީ މަހާސިންތާ 2017" ގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިންނަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ދައުރު އޮޅުންފިލުވައިދިނުމާއި ކުނި މެނޭޖުކުރުމުގައި ޒިންމާތައް ބެހިފައިވާ ގޮތްތަކާއި، ކުނި މެނޭޖުކުރުމުގެ ގައިޑްލައިނާއި ޕްލޭން ތައްޔާރުކޮށް އެ ހުށައެޅުން މަސައްކަތެވެ.