ޚަބަރު

"ރައީސް ޔާމީން ރިޔާސީ ދައުރު ފުރިހަމަ ކުރައްވާނެ"


ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި މިވަގުތު ހުންނެވީ ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، ހިނގަމުން މިދާ ރިޔާސީ ދައުރު އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުރިހަމަ ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޕީ.ޕީ.އެމްގެ ކޯލިޝަންގެ ފަރާތުން ރ. މަޑުއްވަރީ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިނގަމުންދާ ގޮތަށް ބަލާލާއިރު ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިނަމަވެސް ރިޔާސީ ދައުރުގެ ފަހުކޮޅަށް އަންނައިރު، ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވާތަން ތާރީޚުންވެސް ހާމަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ފެންނަމުން މިދަނީވެސް އެފަދަ މަންޒަރެއް ކަމަށާއި، މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، މިއަދު ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަޤާމުގައި ހުނެނެވީ، ސިޔާސީ ގޮތުން ތަޖުރިބާ ހުރި، ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނެ ސިޔާސީ މާލިމީއެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ވަރަށް ކާމިޔާބު ކަމާއެކު ރައީސް ޔާމީނު އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރު ނިމެންދެން ވެރިކަމުގައި ހުނަނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

img:http://s2.psmnews.mv/images/660x400/14929784292858.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް- ފޮޓޯ: ޕީއެސްއެމް

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީން މިދައުރު ފުރިހަމަ ކުރެއްވުމުގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރައްވާނެކަމަށާއި، އެކަން ހާމަވާ އެތައް ކަމެއް އެބަހުރިކަމަށެވެ. އެގޮތުން، ރާއްޖޭގެ މުޅި ތާރީޚަށް ބަލާއިރު، މާލެ އަށްވެސް އަތޮޅުތަކަށްވެސް ހީނުކުރާކަހަލަ އިންގިލާބީ ބަދަލުތައް ތަރައްޤީގެ ގޮތުންވެސް ރައީސް ޔާމީނު ގެންނަވާފައިވާކަމަށެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުންނާއި، ދައުލަތުގައި ހެދިފައިހުރި ޤާނޫނުންތަކުން ލިބިދީފައިވާ ބާރުގެދަށުން ޤައުމު ކުރިއަށް ގެންދިއުމަށް ރައީސަށް ފުރުސަތު ދިނުން މުހިންމުކަމަށެވެ. ސަރުކާރުން މަސައްކަތްކުރަމުން ދަނީ، ދިވެހި ރައްޔިތުންނަށް ހޯދައިދޭންޖެހޭ ލާބަޔާއި މަންފާއާ، ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައި ދިނުމަށްޓަކައި ކަމަށާއި، ތަރައްޤީއަށްޓައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް ނެތި ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.