ފުލުހުން ރޭ ހިންގި އޮޕަރޭޝަންތަކެއްގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި 8 މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުންކަމަށެވެ. އެހެންނަމަވެސް މި މީހުންނާބެހޭ އެއްވެސް ތަފްޞީލެއް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ހަމަޖެހުން ނަގާލުމަށް ޤަޞްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ރާއްޖޭގައި މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް މަދުކުރެވިފައިވަނިކޮށް، ފަހަކަށް އައިސް މިފަދަ ކުށްކުރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބަޔަކު ގަސްދުގައި ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުންދާކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ހިންގުމުގެ ފުރުޞަތު ނުދޭނެކަމަށްވެސް ފުލުހުން ބުނެއެވެ.
މާލެއާއި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތައް ބެލެއްޓެމުގެގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށާއި، ހަމަޖެހުން ނަގާލުމުގެ އެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ ޢަމަލެއް ރާވައި ނުވަތަ އެފަދަ އަމަލެއް ކުރަން އުޅޭކަމަށް ބެލެވޭ ފަރާތްތަކާމެދުވެސް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސުން ވަނީ ދީފައެވެ.