ސިއްހަތު

ނ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ދޭން ފަށައިފި


ނ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ޑައިލިސިސްގެ ޚިދުމަތް މާލޭގެ އިތުރުން، ދެމުން އަންނަނީ ފަސް ރީޖަނަލް ހޮސްޕިޓަލެއްގައެވެ. މަނަދޫގައި ޤާއިމް ކުރި ޑައިލިސިސް ސެންޓަރާއި އެކު އެ ސެންޓަރު ވެގެންގޮސްފައި މިވަނީ އަތޮޅު ހޮސްޕިޓަލެއްގައި ޤާއިމްކުރެވުނު މި ފަދަ ފުރަތަމަ ސެންޓަރަށެވެ. ނ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފަށާފައިވަނީ ފަށާފައިވަނީ 2 މެޝިނާއެކުއެވެ.

ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ނ.އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ނ.އަތޮޅަކީ ތަރައްޤީގެ ކަންކަމުގައި ވަރަށް އިސްނަގާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެއް ކަމަށާއި، ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ އެކަމުގެ ހެއްކެތްކަމަށެވެ.

img:http://s4.psmnews.mv/images/660x400/15006236371461.gif|ހެލްތު މިނިސްޓަރ ނާޒިމް، ނ އަތޮޅުގައި ޑައިލިސިސްގެ ޚިިދުމަތް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ސިޔާސީ މަސްރަހު ކިތަންމެ ހަލޮބޮލިވި ނަމަވެސް ޤައުމުގެ ތަރައްޤީއަށް އެއްވެސް ހުއްޓުމެއް ނާންނާނެ ގޮތަށް ރައީސް ޔާމީންގެ މަސައްކަތްޕުޅު ބައްޓަންކުރައްވާފައިވާކަމަށެވެ.

ނ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ފެއްޓުމަށް ބޭއްވި ރަސްމިއަޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން ވިދާޅުވީ، ނ.އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދިއުމަކީ ނ.އަތޮޅުގައި ދިރިއުޅެމުންދާ ސަތާރަ ހާސް މީހުންގެ އާބާދީން ވަރަށް ބޮޑަށް އެދި އެދި ތިބި ކަމެއް ކަމަށެވެ. ޑައިލިސިސް ހަދަމުންދާ 25 ވަރަކަށް މީހުން ނ އަތޮޅުގައި ދިރިއުޅެމުންދާކަމަށް އުމަރު ހުސެއިން ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/15006236704665.gif|ނ އަތޮޅުގައި ޑައިލިސިސްގެ ޚިިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

ނ އަތޮޅުގައި ތިބި ޑައިލިސިސް ހަދާ ބަލިމީހުން މިހާރު ޚިދުމަތް ހޯދަނީ، މާލެއާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ. އެހެންކަމުން އަތޮޅުގައި މިފަދަ ޚިދުމަތެއް ޤާއިމް ކުރެވުމުން އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ނ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް މަނަދޫގައި ފެށުމަށް މުއައްސަސާތަކާއި، ވަކި ފަރުދުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކޮށްފައިވެއެވެ.