ޚަބަރު

ގޮނޑި ގެއްލުނު ބޭފުޅުން ސުޕްރީމްކޯޓަށް ހިނގައްޖެ


ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައި، އެދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ މައްސަލަ އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށައަޅުއްވައިފިއެވެ. 

ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމާއި، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިނާއި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙަންމަދު ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުން ގެންދެވި ގޮނޑި މިހާރު ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ބާޠިލް ނިންމުމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. 

ޤާނޫނު އަސާސީ 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނުކަމާމެދު ޚިލާފް އުފެދިއްޖެނަމަ އެ މައްސަލަކާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުންކަމަށެވެ.