ވިޔަފާރި

"ސްޓެލްކޯ ފެން" ޑިމާންޑާ އެއްވަރަށް ބާޒާރަށް ނެރެވޭނެ


މިދިޔަ މޭމަހު ބާޒާރަށް ނެރެފައިވާ "ސްޓެލްކޯ ފެން" ޑިމާންޑާ އެއްވަރަށް ބާޒާރަށް ނެރެވޭނެ އިންތިޒާމް، ކުރިއަށް އޮތްތަނުގައި ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބާޒާރަށް ނެރުނު ފުޅީގައި ބަންދުކުރި ފެނަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އައިނަމަވެސް ޑިމާންޑާ އެއްވަރަށް ފެން އަދި ބާޒާރަށް ނުނެރެވޭކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. އެހެންނަމަވެސް ހުޅުމާލޭގައި ތަރައްޤީކުރާ ފަންސާސް މެގަވޮޓްގެ ޕަވަރ ޕްލާންޓުގައި ފެން އުފައްދުމާއެކު ދެ ޕްލާންޓު ހުންނާނެ ކަމަށާއި އޭގެ ސަބަބުން މިކަމަށް ކުރިއެރުންތަކެއް ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ ފެނަކީ އިންޖީނުގެ ހޫނުން އުފެދޭ ފެން، ބޯފެނުގެ ގޮތުގައި ތައްޔާރުކޮށް، އުފައްދާފައިވާ ފެނެކެވެ. މި ފެނަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ތައްޔާރުކުރާ ފެނެއް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މި ފެން ލިބެން ހުންނާނީ ފަސް ސައިޒެއްގެ ފުޅީގައެވެ. އެއީ، 330 އެމްއެލް، 500 އެމްއެލް، އެއް ލީޓަރ، 1.5 ލީޓަރ، 5 ލީޓަރ، ފުޅީގައެވެ. މި ފެން ސްޓެލްކޯއިން ވިއްކަމުން ދަނީ ހޯލްސޭލްކޮށެވެ.

ސްޓެލްކޯއިން ދުވާލަކަށް ހަސަތޭކަ ކޭސް ފެން އުފެއްދުމުގެ ޤާބިލްކަން އެބަހުރިކަމަށާއި، ސްޓެލްކޯގައި ބޭނުންކުރުމަށް ތިން ސްޓޭކަ ކޭސް ބެހެއްޓުމަށްފަހު ކޮންމެ ދުވަހަކުވެސް ތިންސަތޭކަ ކޭސް ފެން ބާޒާރަށް ނެރޭ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. ޕީއެސްއެމް ނިއުސްއާ ވަހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހީމް ރައޫފް ވިދާޅުވީ ފެން ސްޓޯރޭޖް ފެސިލިޓީގައިވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް މިކަންތައްތަކަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ރައޫފް ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީކުރާ ފަންސާސް މެގަވޮޓްގެ ޕަވަރ ޕްލާންޓުގައިވެސް ފެން އުފައްދާ ދެ ޕްލާންޓު ހުންނާނެ ކަމަށާއި އެއާއެކު ސްޓެލްކޯފެން މާރކެޓްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ސްޓެލްކޯ ފެނަކީ ތިމާވެށްޓާ ރައްޓެހިގޮތަކަށް އުފައްދާ ފެނެކެވެ. އަދި ކުރިމަގުގައި ފެން ބަންދުކުރާ ފެންފުޅި ރިސައިކަލްކުރުމުގެ މަސައްކަތްވެސް ކުރުމަށް އެކުންފުނިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.