ޚަބަރު

އައިޖީއެމްއެޗާއި މޯލްޑިވިއަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލި މީހުން އިތުރު ފަރުވާއަށް ބޭރަށް ދިއުމަށާއި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަތުރުފަތުރުތައް މިހާރަށްވުރެ ފަސޭހަކަމާއެކު ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް ހަމަޖެއްސުމަށް މޯލްޑިވިއަންއާއެކު އެ ހޮސްޕިޓަލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިޖީއެމްއެޗުގައި މޯލްޑިވިއަންގެ ޚިދުމަތްދިނުމަށް ޚާއްޞަ ތަނެއް މިއެއްބަސްވުމުގެ ދަށުން ހަމަޖައްސާނެކަމަށް އައިޖީއެމްއެޗްގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އާސަންދަ މެދުވެރިކޮށް އައި.ޖީއެމް.އެޗުން ބޭރު ޤައުމުތަކަށް ދާ ބަލިމީހުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ޓިކެޓް ލިބުމުގެ ފުރުޞަތު ފަހިވާނެކަންވެސް ޝަހީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައިޖީއެމްއެޗުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ، ވަޒީފާއާގުޅޭ ކަންކަމުގައި ރާއްޖެއާއި ރާއްޖޭއިން ބޭރަށް ގިނަ ދަތުރުތަށް ކުރަންޖެހޭ ބަޔަކަށް ވުމާއެކު، މި އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ ދަތުރުތައް ހަމަޖެއްސުމުގައި ލުއިފަސޭހަވާނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރައެއްވުމަށް ފަހު މޯލްޑިވިއަންގެ ފަރާތުން ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްހާރިސް ވިދާޅުވީ މޯލްޑިވިއަންގެ ޓިކެޓްތަކުގެ އިތުރަށް "މޯލްޑިވިއަން ހޮލިޑޭސް" އިން ޓިކެޓް ވިއްކާ ހުރިހާ މަންޒިލެއްގެ ޓިކެޓްވެސް އައިޖީއެމްގައި ހަދާ ޓިކެޓް ކައުންޓަރުން ލިބޭނެކަމަށެވެ.

މިއެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސްއެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރީ ސީއީއޯ ފަރުޙަތު ޝަހީރުއެވެ.