ޚަބަރު

ކޮމިޝަންގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވައިފި


"ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ" ގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބައްދަލު ކުރައްވައިފިއެވެ.

16 ޖުލައި 2017 ވީ އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން، އުފެއްދެވި ސްޓޭޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށްޓަކައި މުސްތަޤިއްލު ކަމާއެކު މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ކޮމިޝަނެކެވެ.