ޚަބަރު

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޤައުމާ މުޚާޠަބުކުރައްވާނެ!


މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާއި މުޚާޠަބު ކުރައްވާގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާޠަބު ކުރައްވާނީ، މި ޖުލައި މަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު މިނިވަން ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ރަސްމީދަނޑުގައި ބާއްވަވާ ގޮތައް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ފަރާތުން މިނިވަންދުވަހާއި ގުޅުވައިގެން ބާއްވަވާ ޕެރޭޑާއި ރޫޓްމާޗް މި ޖުލައި މަހުގެ 27 ވާ ބުރާސްފަތި ދުވަހު ހަވީރު 16:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. 

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުން އޮންނާނީ، މި ޖުލައި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެރޭގެ 21:00 ގައި ދަރުބާރުގޭގައެވެ.